އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ބާރުވެރިކަން މިހާރު އޮތް ހަމައެކަނި ތަނަކީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް ކަމަށާއި ކުރާ ކަމެއްގެ ރަނގަޅު ނިޔަތެއް ވެސް ނެތް ކަމަށެވެ. އަދި މަޖިލީހުގައި ގާނޫން އަސާސީ ބަދަލު ކުރެވޭ ވަރަށް މެމްބަރުން ތިބިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
“މި ސަރުކާރުގެ ވާހަކަ މި ދައްކަނީ. އިހްލާސްތެރިކަމެއް ނެތް. ކުރާ ކަމެއްގެ ރަނގަޅު ނިޔަތެއް ވެސް ނެތް. އަޅުގަނޑު ތަކުރާރު މި ކުރަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަންނަވަން ވެގެން ރައްޔިތުންނަށް ވި އެންމެ ބޮޑު ވައުދަކީ ކަންތައްތަކެއް އިސްލާހު ކުރާނެ ވާހަކަ. ވަކިން ހާއްސަކޮށް ފަނޑިޔާރުގެ އިސްލާހު ކުރާނެ ވާހަކަ. މި މަޖިލީހުގައި އެބަތިބި ގާނުން އަސާސީ ބަދަލު ކުރެވޭ ވަރަށް މެމްބަރުން” ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވަނީ ޖޭއެސްސީ އިޞްލާހު ކުރުމަށް އެމްޑީޕީން ކުރެއްވި އެންމެ ކަމެއް ވިދާޅުވެދެއްވުމަށް އެމްޑީޕީ މެންބަރުންނަށް ގޮވައިލައްވައިފައެވެ. ޝިޔާމް ވިދާޅުވީ އެމްޑީޕީން ކުރެއްވި ހަމައެކަނި ކަމަކީ ޖޭއެސްސީއަށް މަޖިލީހުގެ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ވަކީލް އަދި ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންއާއި، ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު އައްޔަންކުރުން ކަމަށެވެ.
ޖޭއެސްސީ އިސްލާހު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވައުދުވެވަޑައިގަތީ، ވެރިކަމުގެ އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި ވައުދު ފުއްދެވުމަށެވެ.