ބަލިވިޔަސް ހުރިހައި އިންތިޚާބެއްގައި ވެސް ވާދަކުރާނަން: އެމްއެންޕީ

އިންތިޚާބުތަކުން ބަލިވިކަމުގައި ވިޔަސް، ހުރިހާ އިންތިޚާބެއްގައި ވެސް ބައިވެރިވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ.
ރާއްޖޭގައި އެންމެ ފަހުން އުފެއްދި އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސައުތު ރީޖަންގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ޕާޓީއަކީ ސިޔާސީ ގޮތުން ހަގު ޕާޓީއެއްކަމަށް ވީ ނަމަވެސް އެ ޕާޓީއަކީ ސިޔާސީ ގޮތުން ވަރަށް ތަޖުރިބާކާރު ގިނަ ބޭފުޅުންތަކެއް ހަރަކާތްތެރިވާ ޕާޓީއެއް ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ހުރިހާ އިންތިޚާބެއްގައި ވާދަކޮށް، ގަދަ އަޅައި މަސައްކަތް ކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ ހުރިހައި ބޭފުޅުން ވެސް ހަމަ ތެދުވެރިކަމާ އެކު ވޯޓު ދެއްވުން. އެއްގޮތަކަށް ވެސް ބައެއްގެ ދަޅަދައްކައިގެން އެޔަށް ނުހެއްލި ތެދުވެރިކަމާ އެކު ވޯޓުދީގެން އެ ދާއިރާގެ ތަރައްޤީ ގެނައުން." ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އެމްއެންޕީއަކީ ރާއްޖޭގެ ސިޔާސީ ހުރިހައި ޕާޓީއެއްގެ ބައިވެރިވުން އޮތް ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުން އެކުލެވޭ ޕާޓީއެއް ކަމަށެވެ. އަދި ދައުލަތުގެ އެކި މަޤާމުތައް ފުރުއްވި ގިނަ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާ އެތައް ބޭފުޅަކު އެމްއެންޕީގައި ތިބިކަމީ އޮތް އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ވެސް ވިދާޅުވިއެވެ.