ޔޫކްރެއިންގައި ތިބި 15 ދިވެހިންނަށް ހަންގޭރީއަށް ދެވޭނެ ގޮތް ވެއްޖެ
ޔޫކްރެއިންގައި ތިބި ދިވެހި 15 ދަރިވަރުންނަށް ހަންގޭރީއަށް ދެވޭނެ ގޮތް ވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާއި ހަންގޭރީ ބޯޑަރާއި ކައިރީގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި ކަމަށާއި އެ މީހުންނަށް ބޯޑަރު ހުރަސްކޮށް ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް ހަންގޭރީ ސަރުކާރާ ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސައިފައިވާ ކަމަށެވެ.
ޔޫކްރެއިނާއި ރަޝިއާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމާ ގުޅިގެން، ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭން ފެށުމުން އެ ޤައުމުގައި ތިބި ދިވެހިން އަނބުރައި ޤައުމަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރެއާ ހަމައަށް ޔޫކްރެއިނުން ބޭރު ނުވެ ތިބީ 20 ދިވެހިންނެވެ.
އެކަމާ ގުޅިގެން އެންމެ ފަހުގެ އަދާހަމަތައް ދެމުން ފޮރިން މިނިސްޓްރީން ބުނީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހަންގޭރީގެ ފޮރިން މިނިސްޓަރާ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ގުޅުއްވައި ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާ އެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައިވާ ކަމަށާއި ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށެވެ.
އަލްހަމްދުލިއްލާހް