އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ސިޔާސީ މަސްރަހުން ގެއްލުވައިލާން މަސައްކަތް ކުރިޔަސް، އެކަމެއް ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ގއ.ވިލިނގިލީގައި، އިއްޔެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ފެހި ގާނޫނު އަސާސީގެ ދަށުން، ރާއްޖޭގައި ފުރިހަމަ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ބޭފުޅަކީ ރައީސް ޔާމީން އެކަނި ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ، ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކުން، ތިން ގަޑިއިރަށް ދުރަށް ޖެހިވަޑައިގަތް ގަތުމަށެވެ.
އަބްދުއްރަހީމް ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ބޭފުޅުންނަކީ ދިވެހި ގައުމަށް ޣައްދާރު ވެފައިވާ ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި މިނިވަންކަމުގެ ދިފާއުގައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ވެސް ގޮވައިލެއްވިއެވެ.
"އަޅުގަނޑު ދަންނަވާނީ، ހަމައެކަނި ވިލިނގިލީގައި "އިންޑިއާ އައުޓް" ޖައްސައިގެން ވާކަށް ނެތޭ. މާލެއަށް އަރަން އެބަ ޖެހޭ، މާލޭގައި އިންޑިއާ އައުޓް ޖައްސަން އެބަ ޖެހޭ." އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިނިވަންކަން ދިފާއު ކުރުމަށް ޓަކައި ވާހަކަ ދައްކަން ވަގުތެއް ނެތް ކަމަށާއި، އަމަލީ ގޮތުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.