ވިޔަފާރި

ސްޓެލްކޯގެ "ރަށްފެހި" ޕްރޮގްރާމްގެ ދަށުން މިއަހަރު 6،000 ގަސް އިންދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ "ރަށްފެހި ޕްރޮގްރާމް" ގެ ދަށުން މިއަހަރު 6،000 ގަސް އިންދުމަށް އަމާޒު ހިފައިފިއެވެ.

Ads by STELCO

މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ގަސްއިންދާތާ މިއީ 4ވަނަ އަހަރެވެ. އެގޮތުން މިއަހަރު ސްޓެލްކޯ ރަށްފެހި ހަރަކާތް ފަށާފައިވަނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގައެވެ.

ރަށްފެހި ޕްރޮގްރާމް މި އަހަރު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޗެއަރ އަހުމަދު ސަލީމްއެވެ.

މި ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން މެމްބަރު ސަލީމާއި، ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ އަދި އެކުންފުނީގެ ޑީއެމްޑީ ޑރ. އަލީ އަޒުވަރު ވަނީ އެ ސަރަހައްދުގައި ދިވެހި ރުއް އިންދަވާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކަރާ ގަސްވެސް އިންދަވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ވިދާޅުވީ، ރަށްފެހި ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ އަމާޒަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުން، ހުރިހާ އައުޓްލެޓެއްގައި 6000 ގަސް އިންދުން ކަމަށްް ވެސް މުޣުނީ ވިދާޅުވިއެވެ.

ގަސް އިންދުމުން ކުންފުނީގެ މުޅި މަސައްކަތްތައް ރަމްޒުކޮށްދޭކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

"ކުޑަކޮށް ފެށޭ ކަންކަން ރަނގަޅަށް ބެލެހެއްޓޭނަމަ އެކަމުގެ ފަސޭހަ ކުންފުނީގެ މުވައްޒަފުންނާ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ. މިދިޔަ އަހަރު 5000ގަސް އިންދާފަ ވާއިރު، މިއަހަރުގެ ގޯލަކީ 6000 ގަސް އިންދުން." މުޣްނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން މެމްބަރު ސަލީމް ވިދާޅުވީ، ސްޓެލްކޯ ފަދަ ކުންފުންޏަކުން ގަސްއިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކުރިއަށްއޮތްތަނުގައި ވަކި ޕްރޮގްރާމެއްގެ ތެރެއިން ވަކި ދުވަހެއްގައި މިކަން ނުކުރި ނަމަވެސް އަބަދުވެސް ގަސްއިންދުން ކުރިއަށް ގެންދެވުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!