އެމްޑީޕީއަކީ ސަރުކާރެއް ހިންގާން ކުފޫ ހަމަވާ ޕާޓީއެއް ނޫން: ޝިޔާމް
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަކީ ސަރުކާރު ހިންގަން ކުފޫ ހަމަވާ ޕާޓީއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރު ހިނގާ ކޮންމެ ދުވަހަކީ ސިވިލް ސާވިސް މުވައްޒަފުން ބިރުވެރި ކަމެއްގެ ތެރޭގައި ތިބޭ ދުވަހެއް ކަމަށެވެ. އަދި ޕީޕީއެމުން ކަންތައް ކުރާ ގޮތަކީ ރަނގަޅުގޮތް ކަމަށާއި އެ ޕާޓީން ކަންތައް ކުރާ ގޮތަށް އެމްޑީޕީން ކަންކުރަން ޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީން ދައްކަމުން ދަނީ ހަޑިހުތުރު މަންޒަރުތަކެއް ކަމަށާއި އަންނަން އޮތް ޖީލުތަކަށާއި މިއަދުގެ ޒުވާނުންނަށް އެމްޑީޕީން ދައްކަނީ ޑިމޮކްރަސީގެ ހުތުރު މަންޒަރެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“ޕާޓީއަކަށް ނުވޭ އެމްޑީޕީ. އެކަންތައް އެމްޑީޕީން އެ ދަނީ ދިވެހި ރައްޔިތުންނަށް ހާމަކޮށްދެމުން. ޔަގީން ކޮށްދެމުން އެ ދަނީ އެމްޑީޕީއަކީ ސަރުކާރެއް ހިންގަން ކުފޫ ހަމަވާ ބައެއް ނޫންކަން. ހަޑި، ހުތުރު މަންޒަރުތަކެއް އެމްޑީޕީން މިއަދު މި ދައްކަނީ. މިއަދުގެ ޒުވާނުންނަށް އެމްޑީޕީން މި ދައްކަނީ މިއަދުގެ ޑިމޮކްރަސީގެ ހުތުރު މަންޒަރެއް” ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކަންތައްތައް އިސްލާހު ކުރުމަށް ޓަކައި ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހޭ ކަމަށް ދެކޭ ކަމަށާއި އެކަންތައްތައް ކުރުމަށް އެމްޑީޕީގެ ލީޑަރޝިޕަށް ގޮވައިލައްވާ ކަމަށެވެ.