ޚަބަރު ސިޔާސީ

ރޮޒެއިނާގެ ރައްދު ޝިފާއަށް: ކަމަނާ މާލޭގައި ތިހެން އިންނަވައިގެން ދުވަހަކު ވެސް ނިޒާމް ސާފެއް ނުވާނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި އިންނަވައިގެން އެމްޑީޕީގެ ނިޒާމް ދުވަހަކު ވެސް ސާފު ނުވާނެ ކަމަށް ވިދާޅުވެ، މާލެސިޓީ ކައުންސިލުގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ރައްދު ދެއްވައިފިއެވެ.

Ads by STELCO

ރޮޒެއިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕަރސަން ކަނޑައެޅުމުގެ ގޮތުން ބާއްވާ އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އެ ޕާޓީން ރޭގައި ބޭއްވި ޤައުމީ މަޖިލިސް ޖަލްސާގައި ރޮޒެއިނާ ދެއްކެވި ވާހަކަފުޅަށް ޝިފާ ފާޑުވިދާޅުވުމާ ގުޅިގެންނެވެ.

އެ ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ ދާއިރާތައް ހިނގާ ވާހަކަ އިމްތިޔާޒް ފަހުމީގެ ކެމްޕެއިނު ޓީމުން ދައްކަވާއިރު، މިނިސްޓަރ ފައްޔާޒްގެ ޓީމުން އެ ދާއިރާތަކަށް ކެމްޕެއިނު ދަތުރު ކުރެއްވި އިރު ދާއިރާތަކުގެ ރައްޔިތުން ދެއްކެވީ ރާއްޖޭގެ ރަށްތަކުގެ ދާއިރާތައް ނުހިނގާކަމުގެ ވާހަކަ ކަމަށެވެ.

ރޮޒެއިނާގެ އެ ވާހަކަފުޅަށް ފާޑު ވިދާޅުވަމުން ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދާއިރާ ހިންގާނީ އެ ދާއިރާއެއްގެ ހޮވިފައިވާ ޤައުމީ މަޖިލިސް މެންބަރާއި އަދި އެ ދާއިރާއެއްގެ ކޮމިޓީން ކަމަށެވެ.

"މި ޕާޓީގެ ނިޒާމްތައް އޮތް ގޮތް ވެސް ސާފުނުވޭ، ދެނޯ؟ މައި އޮފީހުން ކުރާ ކަމެއް ނޫން. ދާއިރާ ހިންގަންވާ ގޮތް ވަރަށް ސާފުކޮށް ލިޔެފައި އެބައޮތް" ޝިފާ ވިދާޅުވިއެވެ.

ޝިފާގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ރޮޒެއިނާ ވެސް މިއަދު ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރައްވައިފައި ވަނީ، އެމްޑީޕީއަށް 12 މިލިއަން ރުފިޔާއިން ހިންގަންވީ މާލޭ އޮފީސްތޯއެވެ.

"އެހެން ދާއިރާތައް ހިންގަންވީ ދާއިރާގެ ރައްޔިތުންނާ ޤައުމީ މަޖިލިސް މެންބަރުންގެ ޖީބުން؟ ތި ނިޒާމް ބޭނުމެއް ނޫނޭ ރަށްރަށުން ބުނަނީ! ކަމަނާ މާލޭގައި ތިހެން އިންނަވައިގެން ނިޒާމް ދުވަހަކު ވެސް ސާފެއް ނުވާނެ!" ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ ރަށްރަށުގެ އެމްޑީޕީ މެންބަރުން ކަންކަން ހިންގަން އުޅޭ ހާލު ދެނެގަންނަން، ޝިފާ ރަށްރަށަށް ވަޑައިގަތުމަށް އެ ކަމަނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ހަރުގެތައް ހުރި ގޮތް ބައްލަވައިލައްވައި ހަރަކާތްތައް ހިންގަން އުޅެން ޖެހޭ ހާލު ބައްލަވައިލެއްވުމަށް ވެސް ރޮޒެއިނާ ވަނީ މާލޭގެ ކުރީގެ މޭޔަރު އަރިހުން އެދިވަޑައިގެންފައެވެ.

Ads by Allied Insurance
  1. އަލީރަޝީދު

    އެތެރޭގަވެސް ފިތުނަ ބޭރުގަވެސް ފިތުނަ ވަށައިގެންވެސް ފިތުނަ އެހެންވެ ބުނަންޖެހެނީ ހުޅަނގުން އެމީހުންގެ މަސްލަހަތަށް ހިމާޔަތްކުރަން ގެންގުޅޭ ޑިމޮކްރެސީ މިރާއްޖެއަކަށް ނުފެއްތޭނޭ