ދުނިޔެ

ބޮޑުވަޒީރުކަމަށް ދެން އަންނާނެކަމަށް ބެލެވޭ ޔޯގީއާ އެކު ބީޖޭޕީއަށް ރެކޯޑް ކާމިޔާބީއެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ފަސް ސްޓޭޓެއްގައި ބޭއްވި ލެޖިސްލޭޓިވް އެސެމްބްލީގެ އިންތިޚާބުގެ ތެރެއިން ހަތަރު ސްޓޭޓެއްގެ އިންތިޚާބު ކާމިޔާބުކޮށް ވެރިކަންކުރާ ބަހާރަތު ޖަނިޔާ ޕާޓީ (ބީޖޭޕީ)އިން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

Ads by Sosun Fihaara

މިދިޔަ ފެބްރުއަރީއާއި މި މަރޗްގައި ބޭއްވި ގޯއާ، މަނިޕޫރު،ޕަންޖާބު،އުއްތަރަ ޕަރްދޭޝް އަދި އުއްތަރަކަންދުގެ ލެޖިސްލޭޓިވް އެސެމްބްލީ އިންތިޚާބުގެ ތެރެއިން ބީޖޭޕީ ވަނީ ޕަންޖާބު ނޫން ހުރިހައި ސްޓޭޓެއް ކާމިޔާބުކޮށްފައެވެ.

ޕަންޖާބުގައި ވެރިކަން ކުރަމުން ދިޔަ ކޮންގްރެސް ޕާޓީއަށް އަނެއްކާ ވެސް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި މި އިންތިޚާބުގައި އެ ޕާޓީއަށް ވަނީ އެ ސްޓޭޓް ވެސް ގެއްލިފައެވެ. އެ ސްޓޭޓްގެ އިންތިޚާބު ކާމިޔާބުކުރީ 117 ގޮނޑީގެ ތެރެއިން 92 ގޮނޑި ކާމިޔާބުކުރި އާމްއާދުމީ ޕާޓީއިންނެވެ.

މި އިންތިޚާބުގައި ބީޖޭޕީ ވަނީ ގޯއާގެ 40 ގޮނޑީގެ ތެރެއިން 20 ގޮނޑި ހޯދައިފައެވެ. ކޮންގްރެސްއަށް ލިބިފައި ވަނީ 11 ގޮނޑިއެވެ. އަދި މަނިޕޫރުގެ 60 ގޮނޑީގެ ތެރެއިން 40 ގޮނޑިއާއި އުއްތަރަކަންދުގެ 70 ގޮނޑީގެ ތެރެއިން 47 ގޮނޑި ބީޖޭޕީ ވަނީ ހޯދައިފައެވެ.

މި އިންތިޚާބުގައި ބީޖޭޕީން އެންމެ ބޮޑު ކާމިޔާބެއް ހޯދީ އިންޑިއާގައި ސިޔާސީ އެންމެ ފޯރިގަދަ ، 180 މިލިއަން މީހުން ވޯޓްލާ އުއްތަރަޕްރަދޭހުންނެވެ. އެ ސްޓޭޓްގެ 403 ގޮނޑީގެ ތެރެއިން ބީޖޭޕީ ވަނީ 266 ގޮނޑި ކަށަވަރުކޮށްފައެވެ. މީގެ ތެރެއިން މިހާރު ވެސް އެ ސްޓޭޓްގެ ސްޓޭޓް މިނިސްޓަރ ޔޯގީ އަދިތްޔަނާތުގެ ގޮނޑި ހިމެނެއެވެ. މިއީ 1985ގެ ފަހުން އެ ސްޓޭޓްގައި ވެރިކަން ކުރާ ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މިއާ އެކު ހަރުކަށި ހިންދޫ ވިސްނުމުގެ ޔޯގީ ވެގެންދާނީ 37 އަހަރުގެ ތެރޭގައި ޖެހިޖެހިގެން ޗީފް މިނިސްޓަރކަން ކުރާ ފުރަތަމަ މިނިސްޓަރަށެވެ.

އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި އުމުރުން 71 އަހަރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުމުރަށް ބަލާއިރު 2024ވަނަ އަހަރު ބީޖޭޕީން ބޮޑުވަޒީރުކަމަށް ދެން އައުން އެންމެ ގާތީ މޯދީއާ ގާތް ގުޅުމެއް އޮންނަ ޔޯގީއެވެ.

ޔޯގީ ވަނީ މި ކާމިޔާބީއާ ގުޅިގެން ބޮޑުވަޒީރު މޯދީއަށް ވަރަށް ބޮޑަށް ތަޢުރީފްކޮށްފައެވެ. އޭނާ ބުނެފައި ވަނީ ވޯޓްލާއިރު ދީނަށާއި ވަކި ވަންހައަކަށް ބެލުމުގެ ވިސްނުން އިންޑިއާއިން މިހާރު ދޫކޮށްލައިފައިވާ ކަމަށާއި ނަތީޖާއިން ފެނިގެންދިޔައީ ބޮޑުވަޒީރު މޯދީގެ ދިގު ދެމިގެންދާ ތާއީދު ކަމަށެވެ.

ޔޯގީގެ ކާމިޔާބީ މީޑިއާތަކުން ވެސް ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. ސަބަބަކަށްވީ އެކި ކަންކަމުގައި އެ ސްޓޭޓުން ގެންގުޅުނު ސިޔާސަތުތަކާއި މުސްލިމުންނަށް ދިން އަނިޔާތަކާއި ކޮވިޑްގެ ހާލަތު މެނޭޖުކުރުމުގައި އޭނާ ފެއިލްވުން ފަދަ ކަންކަމެވެ. ކޮވިޑް ހާލަތު އެންމެ ގޯސްވިއިރު އެންމެ ގިނަ އަދަދަކަށް މީހުން މަރުވީ އެ ސްޓޭޓުންނެވެ. އެއިރު އެ ސްޓޭޓްގެ ފަރުވާދޭ މަރުކަޒުތަކަށް ނުތަކައި ، ހޮސްޕިޓަލްތަކުގެ ބޭރުގައި މީހުން ދިޔައީ މަރުވަމުންނެވެ. އަދި އެ ފަދަ މީހުންގެ ޖަނާޒާ ކަންތައް ކުރިއަށް ނުގެންދެވި މީހުންގެ ހަށިތައް ދިޔައީ އުކަމުންނެވެ.

މީގެ އިތުރުން އޭނާ ވަނީ "ލަވްޖިހާދު"ގެ ވާހަކައެއް އުފައްދައި ، މުސްލިމުންނާ ކައިވެނި ކުރުމަށް ހިންދޫ އަންހެން ކުދީން ދީން ބަދަލުކުރާތީ އެކަން ހުއްޓުވާން ގާނޫނެއް ހަދައިފައެވެ. ހިންދޫ އަންހެން ކުދީން ދީން ބަދަލުކޮށް މުސްލިމުންނާ ކައިވެނި ކުރާތީ ހަރުކަށި ހިންދޫން ނިކުމެ އަނިޔާވެރި އެތަކެއް އަމަލުތަކެއް ވެސް ހިންގައިފައި ވެއެވެ. އޭގެ ތެރޭގައި އެތައް ބަޔަކު ވަނީ އެ މީހުންގެ އަތްދަށުވެ ދުނިޔެދޫކޮށްފައެވެ. މީގެ އިތުރުން ޔޯގީ ވަނީ އެކްޓިވިސްޓުންނާއި ނޫސްވެރީންނަށް ވެސް ދައުވާކޮށް ޖަލަށް ލައިފައެވެ.

ޔޯގީ ، އަމިތު ޝާހު އަދި މޯދީއާ އެކު

އިންތިޚާބުގެ ކެމްޕޭންގައި ޔޯގީގެ ޓީމުން މަސައްކަތް ކުރީ ހިންދޫން އެއްބައިވަންތަކޮށް އެ މީހުންގެ ވޯޓް ބައިބައިވިޔަ ނުދިނުމަށެވެ، އެ ގޮތުން މުސްލިމުން އެ ކެނޑިޑޭޓުންނަށް ވޯޓް ނުދޭއިރު އޭނާއަށް ވޯޓް ނުދޭ ހިންދޫއެއް ވެއްޖިއްޔާ ހުންނާނީ މުސްލިމުންގެ ލޭކަމަށް އުއްތަރަ ޕުރަދޭހުގެ ގޮނޑިއަކަށް ކުރިމަތިލި ބީޖޭޕީގެ ރަގްވެންދުރާ ޕްރަތާބު ބުނެފައި ވެއެވެ.

ޔޯގީގެ ސްޓޭޓް ސަރުކާރުގެ ހުރިހައި މައްސަލައަކާ ހުރެ އުއްތަރަޕްރަދޭޝްގެ ނަތީޖާ ބީޖޭޕީއަށް ދަށްވާނެ ކަމަށް އިންޑިއާގެ މީޑިއާތައް ލަފާކޮށްފައި ވީ ނަމަވެސް ޔޯގީ ވަނީ ތާރީޚީ މޮޅެއް ހޯދައިފައެވެ. ބީޖޭޕީއިން ދަނީ މި ކާމިޔާބީ ވަރަށް ބޮޑަށް ފާހަގަކޮށް އުފާ ފާޅު ކުރަމުންނެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީ ކޮންގްރެސް ވަނީ ނަތީޖާ ބަލައިގަނެ ، އައު އިސްތިރާޖީތަކާ އެކު ނިކުންނާނެ ކަމަށް ބުނެފައެވެ. ކޮންގްރެސް ޕާޓީން ބުނެފައި ވަނީ "އާންމުންގެ ވިސްނުން ވޯޓްފޮށިން ދެއްކުމުގައި މި ފަހަރު ވެސް ނާކާމިޔާބު ވެއްޖެ" ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!