އޭޝިއާ ދުނިޔެ

"ކޮންގްރެސް ޕާޓީގެ ސަންދޯކު ފިލާއަޅައި ފަހު މޮހޮރު ޖަހައިފި"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޕާޓީގެ ލީޑަރު ސޯނިއާ ގާންދީއާއި ނުފޫޒުގަދަ އޭނާގެ ދެދަރިން، ރާހުލްއާއި ޕްރިޔަންކާ

އިންޑިއާގެ ފަސް ސްޓޭޓެއްގައި ބޭއްވި ސްޓޭޓް ލެޖިސްލޭޓިވް އެސެމްބްލީ އިންތިޚާބުން އިންޑިއާގެ އިދިކޮޅު ޕާޓީ ، އިންޑިއަން ނެޝަނަލް ކޮންގްރެސްް ބަލިވުމާ އެކު އެ ޕާޓީއަށް ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ.

Ads by WAMCO

އިންތިޚާބު ބޭއްވި ފަސް ސްޓޭޓަކީ ގޯއާ،މަނިޕޫރު،އުއްތަރަކަންދު،ޕަންޖާބު އަދި އުއްތަރަ ޕްރަދޭހެވެ. މި ފަސް ސްޓޭޓްގެ ތެރެއިން ޕަންޖާބު ފިޔަވައި ހުރިހައި ސްޓޭޓެއް ކާމިޔާބުކުރީ ވެރިކަން ކުރާ ބަހާރަތިޔާ ޖަނަތާ ޕާޓީ، ބީޖޭޕީންނެވެ. ޕަންޖާބުގައި ވެރިކަން ކުރަމުން ދިޔަ ކޮންގްރެސްއަތުން އާމުއާދުމީ ޕާޓީ ވަނީ އެ ސްޓޭޓް ދަމައިގެންފައެވެ.

ކޮންގްރެސްއަށް އެންމެ ފަހުން އިންޑިއާގެ ބޮޑު އިންތިޚާބެއް ކާމިޔާބު ކުރެވިފައި ވަނީ 2009ވަނަ އަހަރުއެވެ. އެ އަހަރު ، 15ވަނަ ލޮކްޝަބާ ނުވަތަ ޤާނޫނުހަދާ ދަށުގޭގެ ސާފު މެޖޯރިޓީ ނުލިބުނު ނަމަވެސް އެންމެ ގިނަ އަދަދަކަށް ގޮނޑި ކަށަވަރު ކުރި ޕާޓީއަކަށް ކޮންގްރެސްވިއެވެ.އެގޮތުން 206 ގޮނޑި ހޯދި ކޮންގްރެސްއާ އެކު އިތުރު ހަތް ޕާޓީ ގުޅިގެން ކޯލިޝަން ގޮނޑިތަކުގެ އަދަދު 262އަށް އަރުވައި ކޯލިޝަން ސަރުކާރެއް ގާއިމްކުރިއެވެ. އެއާ އެކު ބޮޑުވަޒީރު މަންމޯހަން ސިންގަށް ދެވަނަ ދައުރެއް ކަށަވަރުވިއެވެ.

އިންޑިއާގެ ސިޔާސީ މަޞްރަޙް އެއްކޮށް ބަދަލުވެގެން ދިޔައީ މަންމޯހަން ސިންގުގެ ވެރިކަން ނިމުމާ އެކު ގުޖުރާތުގެ ޗީފް މިނިސްޓަރ ، ހަރުކަށި ހިންދޫ ފިކުރުގެ ނަރެންދުރަ މޯދީގެ ވިދުން ގަދަވެ އިދިކޮޅު ބީޖޭޕީގެ ސަރުކާރެއް 2014ގައި އެކުލަވައިލުމާ އެކީގައެވެ. އޭގެ ފަހުން އިދިކޮޅަށް ބަދަލުވި ކޮންގްރެސް ދަނީ އިންތިޚާބަކަށް ފަހު އިންތިޚާބަކުން ބަލިވެ ޕާޓީގެ އާންމު މެމްބަރުން މާޔޫސްވަމުންނެވެ. އެތައް ބަޔަކު ދަނީ ޕާޓީން ވަކިވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ މިނިސްޓަރކަމެއްވާ އަޝްވާނީ ކުމާރު ހިމެނެއެވެ. މި އިންތިޚާބުގެ ނަތީޖާއަށް އިޝާރާތްކޮށް އޭނާ ވަނީ ކޮންގްރެސްގެ ލީޑަރޝިޕަށް ފާޑު ކިޔައިފައެވެ.

"އެއްކަމެއް ސާފު ، ގާންދީގެ ލީޑަރޝިފާ އެކު ކޮންގްރެސް ދެން ކުރިއަކަށްނުދާނެ"

މި އިންތިޚާބު ދިރާސާކޮށް ފާޑު ކިޔާ ގިނަ ފަރާތްތަކަކުން ބުނެފައި ވަނީ ކޮންގްރެސްގެ ސަންދޯކު ފިލާއަޅައި ފަހު މޮހޮރޮ ވެސް ޖަހައިފިކަމަށެވެ. އެ ގޮތުން 2024ގައި އޮންނަ އިންޑިއާގެ މައި އިންތިޚާބު ވެސް އެ ޕާޓީއަށް ނުހޯދޭނެ ކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންކަމަށް ވެއްޖެ ނަމަ މިއީ 1996ގެ ފަހުން އެ ޕާޓީ ވެއްޓޭ އެންމެ ބޮޑު ވަޅުގަނޑަށް ވެގެންދާނެއެވެ.

މި އިންތިޚާބުގައި ކޮންގްރެސްއިން ވަނީ ކުރިއާ ބަލައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އުއްތަރަ ޕްރަދޭޝްގެ ކޮންމެ ކޮމިޔުނިޓީއަކަށް ވާސިލްވެ އެ ޕާޓީން ވަނީ މަސައްކަތުގެ ރޭޓް ރަނގަޅުކޮށްފައެވެ.

އިންތިޚާބަށް ކުރެވުނު މަސައްކަތާ ބަލާއިރު އެ ޕާޓީން ވަނީ ޕަންޖާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިސްނައިފައެވެ. އަދި މަނިޕޫރާއި ގޯއާގެ އިތުރުން އުއްތަރަކަންދުން އެންމެ ކުޑަމިނުން ވާދަކުރެވޭ ވަރުގެ ނަތީޖާއެއް ހޯދޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރިއެވެ.

ކޮންގްރެސް ވަނީ އިންތިޚާބުގެ ނަތީޖާ ބަލައިގަނެ ،ކާމިޔާބުކުރި ފަރާތްތަކަށް މަރުޙަބާ ކިޔައިފައެވެ. ރާހުލް ގާންދީ ކުރި ޓްވީޓެއްގައި އިންތިޚާބުތަކަށް ފަހު އޭނާ ބުނަމުންދާ ބަސްތައް މިފަހަރު ވެސް ތަކުރާރުކުރަމުން ބުނެފައި ވަނީ ރައްޔިތުންގެ ނިންމުން ބަލައިގަންނަ ކަމަށާއި މި އިންތިޚާބުން ކަންކަން ދަސްކުރާނެ ކަމަށާއި އިންޑިއާ ރައްޔިތުންގެ މަސްލަހަތުގައި ކުރިއަށް ގެންދާ މަސައްކަތަށް ހުއްޓައިނުލާ ކުރިއަށް ގެންދާނޭ ކަމަށެވެ.

ޕާޓީގެ އިސްތަރުޖަމާން ރަންދީޕް ސްރަޖީވަލާ ބުނެފައި ވަނީ "ޕާޓީއަށް އިންތިޚާބު ގެއްލިއްޖެ ކަމަށާއި ނަމަވެސް ހިތްވަރު ނުގެއްލޭ"ކަމަށެވެ. އަދި އާންމުންގެ ވިސްނުން ވޯޓަށް ބަދަލުކޮށްލުމުގައި މި ފަހަރު ވެސް ނާކާމިޔާބު ވެއްޖެކަން ފާހަގަކުރަމުން އޭނާ ބުނެފައި ވަނީ އަދި އައު އިސްތިރާޖީތަކާ އެކު އިންފްލޭޝަންއާއި އަންއެމްޕްލޯއިމަންޓް އަދި ގެނބެމުންދާ އިގްތިޞާދަށް "ފަރުވާ ހޯދުމަށް" ވަކާލާތު ކުރަމުން ގެންދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!