ރައީސް ޔާމީން ހައްޔަރުކުރަން ގޮވައިލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ ހުށަހެޅުއްވި ކުއްލި މައްސަލަ މިއަދު ވެސް ބަލައި ނުގަނެ ބޭރުކޮށްލައިިފިއެވެ.
ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ހިންގަވައިފައިވާ ޖަރީމާތައް ފޮރުވުމަށް ޓަކައި އިންޑިއާ އައުޓްގެ ނަމުގައި ރާއްޖޭގައި ހިންގަމުންދާ ހަރަކާތަކީ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ގާތްކަށް ގެއްލުމުގެ އިތުރުން އަވަށްޓެރި ގައުމުތަކުން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުން ނުލިބިދާނެ ކަމެއް ކަމަށެވެ.
އެހެން ކަމުން ގާނޫނާ ގަވާއިދުގެ ތެރެއިން ރާއްޖޭގެ އަސްކަރިއްޔާ މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީން ބަންދު ކުރުމަށް ހުށަހަޅާކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
އެ މައްސަލައަށް ބަހުސް ކުރުމާ މެދު ނެގި ވޯޓުގައި 27 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. ޖާބިރުގެ ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 4 މެމްބަރުންނެވެ.
އިއްޔެގެ ޖަލްސާއަށް ވެސް ޖާބިރު ވަނީ އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ކޮރަޕްޝަން ހިންގަވާ ކަމަށް ވިދާޅުވެ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ މައްސަލަ ވެސް ބަލައިގެންފައެއް ނުވެއެވެ.