އިންޑިއާއާ އެކު ހަދައިފައިވާ ހުރިހައި އެއްބަސްވުމެއް ބާތިލްކުރާނަން: ރައީސް ޔާމީން
އިންޑިއާއާ އެކު ރާއްޖެއިން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި ބާތިލުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޅ. ކުރެންދޫ ކައުންސިލު ރައީސްކަމަށް ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާއިލް މަދީހަށް ތާއީދު ހޯދުމަށް އެ ރަށަށް ވަޑައިގެން، ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ގެއްލުން ވަނީ ކޯއްޗެއްތޯ ޕީޕީއެމްގެ ސަރުކާރެއްގައި ނުބަލާނެ ކަމަށާއި ހުރިހާ އެގްރީމަންޓެއް ބާތިލު ކުރާނެ ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖެއަށް ހިތްދަތިކަން ގެނެސްދިން ގައުމެއް ކަމަށާއި އިންޑިއާއަކީ ހުރިހައި ކަމެއްގައި ފަހު ބަސް ބުނާ ބަޔަކަށް ވާން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
“އެއްވެސް އެގްރީމަންޓެއް އެ މީހުންނާ އެކު ކުރިއަށްދާކަށް އަހަރެމެން ބޭނުމެއް ނޫން. އެއީ ދިވެހިރާއްޖެއަށް މިހައި ހިތްދަތިކަން ގެނެސް ދިވެހިރާއްޖޭގެ އެތެރޭގެ ހިންގުމާއި ބޭރުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރުމާއި މަގާމުތަކަށް އަންނަންވާ މީހުންނާއި ދިވެހީންގެ ހާލަތު އޮންނަންވާނެ ގޮތާއި މި ހުރިހާ ކަމެއްގައި ފަހުބަސް ބުނާ ބަޔަކަށް އިންޑިއާ މީހުން ވީމާ އެއީ ބޭނުންވާ ކަމެއް ނޫނޭ އަބަދުވެސް އަޅުގަނޑުމެން މި ދަނީ ބުނަމުން” ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ވެރިކަމުގައި މި ޤައުމަށް ގެނައި ތަރައްޤީތަަކަކީ ރައްޔިތުން ބޭނުންވާ ގޮތަށް ގެނެސްދެއްވި ތަރައްޤީތަކެއް ކަމަށެވެ. އަދި މި ސަރުކާރުން ވިދާޅުވާ ތަރައްޤީ ހުރީ ކަނޑުގައި ކަމަށާއި، އެ ކަންކަން ކަނޑުން އަރާނެ ދުވަހެއް އަދިވެސް ނޭނގޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.