ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން އިންޑިއާގެ އެއްބަސްވުން ހާމަކުރައްވާނެ: ޝިޔާމް

އިންޑިއާއާއެކު މި ވެރިކަމުގައި ހަދާފައިވާ ސިއްރު އެއްބަސްވުންތައް، 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހާމަ ކުރައްވާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
"އިންޑިއާ އައުޓް" ކެމްޕެއިނަށް ޅ. ނައިފަރަށް މިއަދު ރައީސް ޔާމީނާ އެކު ވަޑައިގެން، އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ އެ އަތޮޅަށް އަދި ރާއްޖެއަށް ވެސް ނުރައްކާވެފައި އޮތް އިންޑިއާގެ ނުފޫޒުން ގައުމު ސަލާމަތްކުރައްވާނެ ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.
"މި މީހުންގެ (ސަރުކާރުގެ) ޖައްބާރު ކަމަކީ، މި ގައުމަށް ގައްދާރުވާކަން އަންގައިދޭ ކަމަކީ، އޭގެން އެއްވެސް އެގްރީމެންޓެއް ރައްޔިތުންގެ މަޖިލީހަކަށް އަދި ޔަގީނުން ވެސް ނުގެނޭ. އަޅުގަނޑުމެން އިހުތިޖާޖުކޮށްގެން ވެސް އެ އެގްރީމެންޓްތައް ދެއްކީ އެމީހުންގެ މެޖޯރިޓީ އޮތް ކޮމެޓީއަކަށް" ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ދެން އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ވެރިކަން ލިބިއްޖެ ނަމަ، އިންޑިއާއާ އެކު ރާއްޖެއިން ހަދައިފައިވާ ހުރިހައި އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އަދި ދިވެހިންނަށް ގެއްލުންވާ އެއްވެސް ކަމެއް އޮވެއްޖެ ނަމަ، އެ އެއްބަސްވުންތައް ވަގުތުން ބާތިލުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކާކުވެރިކަން ދެނީ ވަގަކަޅާ