ޚަބަރު

ޤައުމަށްޓަކައި ފަސް އަހަރު ޖަލުގައި އޮންނަން ވެސް ތައްޔާރު: އަދުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Adhurey, Abdul Raheem, PNC, PPM
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ދެން އިމޭޖްސް

ޤައުމަށް ޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާން ވެސް ހުންނެވީ ތައްޔާރަށް ކަމަށާއި ޤައުމުގެ ޙައްްޤުގައި ފަސް އަހަރު ޖަލަށް ދާން ޖެހުނަސް އެކަން ވެސް ކުރައްވާނެ ކަމަށް ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަދުރޭ މިހެން ވިދާޅުވެފައި ވަނީ، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅުގެ ހަރަކާތް ކުރިޔަށް ނުގެންދެވޭނެ ކަމަށް ފުލުހުން އެންގުމުން، ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

އަދުރޭގެ ވާހަކަފުޅުގައި ވިދާޅުވީ، މާދަމާ ރައްޔިތުން މަގުތަކަށް ނިކުންނަނީ ސަރުކާރު ވައްޓާލަން ނޫން ކަމަށާއި މަގުމަތިން ސަރުކާރު ވައްޓައިލުމަކީ ޕީޕީއެމް ބޭނުންވާ ގޮތް ނޫން ކަމަށެވެ. އަދި މި ސަރުކާރު ބަލިކުރާނީ ދެން އަންނަ އިންތިޚާބުގައި ކަމަށާއި އެ އިންތިޚާބުގައި އިންޑިއާއަށް ރާއްޖޭގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އިދިކޮޅުން މިއަދު ހަވީރު 4 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ "ނޭވާހޮޅިއަށް" ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތަކީ ޤާނޫނާ ޚިލާފު ހަރަކާތެއް ކަމަށާއި ހަރަކާތް ކުރިޔަށް ދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން އިއްޔެ ވަނީ އިދިކޮޅު ފަރާތްތަކަށް އަންގައިފައެވެ.

ރޭގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، މިއަދު ސަރުކާރު އޮތީ ވަރަށް ބޮޑަށް ނޭވާ ހޮޅިއަށް އެޅިފައި ކަމަށެވެ. މިއަދުގެ ހަރަކާތް ހުއްޓުވުމަށް ސިފައިން ނެރެން ތައްޔާރުވެފައި އެބައޮތް ކަމަށާއި އެކަމުން ވެސް ސަރުކާރު ނޭވާހޮޅިއަށް އެޅިފައިވާ މިންވަރު އެނގޭ ކަމަށެވެ. އަދި އިންޑިއާ ސިފައިން ނެރުނު ކަމުގައި ވިޔަސް ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށާއި ޤައުމުގެ ޙައްޤުގައި ޖަލަށް ދާން ވެސް ތައްޔާރަށް ހުންނެވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

މި ޤައުމުގެ ޙައްޤުގައި، ރައްޔިތުންގެ ޙައްޤުގައި ފުރާނަ ދޫކޮށްލާކަށް އަޅުގަނޑުމެން އެއްވެސް ޖެހިލުމެއް ނުވޭ. އަޅުގަނޑުމެންނަށް ކުޑަ ވެސް ބިރެއް ނުދެއްކޭނެ. މި ޤައުމުގެ ޙައްޤުގައި ފަސް އަހަރު ދުވަހު ޖަލުގައި އޮވެލަން ހަމަ އެއް ވެސް އެއްޗެއް ހިތަކަށް ނާރާނެ އަޅުގަނޑުމެން. އަޅުގަނޑުމެން ޖަލުގައި އޮވެގެން ވެސް މި ޤައުމު ސަލާމަތް ކުރަން ބޭނުން.

އަދުރޭ އިތުރަށް ވިދާޅުވީ، މާދަމާގެ ހަރަކާތް ހުއްޓުވަން ނިކުންނަ ފުލުހުންނަށް ޕީޕީއެމްގެ ސަރުކާރުގައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"އަމާން ވެއްޓެއްގައި ސުލްހަވެރިކަމާ އެކު އަޅުގަނޑުމެންގެ ހަރަކާތް ހިންގުމުގެ ޖާގަ ދެއްވާ ، އެއީ ތިބޭފުޅުންގެ ޒިންމާ، އެ ޒިންމާއަށް ޤާނޫނާ ޚިލާފަށް ހުރަސް އަޅާފިއްޔާ ދެން ހަދާނެ ގޮތް އެނގޭނީ ޕީޕީއެމް ސަރުކާރެއްގައި، ޤާނޫނު އަސާސީ ކުރިމަތީގައި ބޭއްވީމައި" އަދުރޭ ވިދާޅުވީ، މިއީ ދޭ އިންޒާރެއް ނޫން ކަމަށާއި ނަމަވެސް އެފަދަ ބޭފުޅުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!