ޚަބަރު ސިޔާސީ

ސުލްހަވެރި އިހުތިޖާޖަށް ޖާގަދީ، ރައްޔިތުންނަށް އަނިޔާކުރުން ހުއްޓައިލާން ގޮވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުލުހުންގެ ސަފުތައް ފޫއަޅުވާލާ މުޒާހަރާގެ ބައިވެރިން މަގުމައްޗަށް | ފޮޓޯ: ދެން

"ނޭވާ ހޮޅިޔަށް" ނަމުގައި ޤާނޫނާ އެއްގޮތަށް ސުލްޙަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

ޕީޕީއެމުން ދެންމެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަދު ހަވީރު ، ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދެވޭ ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ޕީޕީއެމް އޮފީސް ހުންނަ ސަރަޙައްދުގެ މަގުތައް ބަންދުކޮށް، ޕާޓީ އޮފީހަށް ވަދެ ނުކުތުން މަނާކޮށް، ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމުގެ އިތުރުން، ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކާނިވާ ތައްޔާރު ކުރުމަށް ޓަކައި، ޕީޕީއެމް އޮފީހުން ކާނިވަލަށް ތަކެތި ގެންދިއުމާއި، އޮފީހުގެ މުވައްޒަފުންގެ ދަތުރުފަތުރަށް ހުރަސް އަޅާ މިމަސައްކަތުގައި އިދާރީ ގޮތުން ޙަރަކާތްތެރިވާ ފަރާތްތައް ހައްޔަރު ކުރަމުން ގެންދާ ކަމަށެވެ.

އަދި ޕީޕީއެމްގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމުތަކުގައި ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މާލޭ ސިޓީގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރާއި އަދި މާލޭ ސިޓީ ކައުންސިލް މެންބަރުންނާއި އަތޮޅު ކައުންސިލް ރައީސުންނާއި ރަށްރަށުގެ ކައުންސިލް މެންބަރުންނަށް ވެސް އޮފީސް ސަރަޙައްދަށް ވަދެ ނުކުތުމަށް ހުރަސްއަޅަމުންދާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ޕީޕީއެމްގެ ކައުންސިލް މެންބަރު މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން، އިތުރު ބޭފުޅުން ވެސް އޮފީހަށް ވަންނަން ހިނގައިފައި ދަނިކޮށް ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި ހައްޔަރުކޮށްފައިވާ އެންމެހައި ފަރާތްތައް މިހާރުން މިހާރުން ދޫކޮށްލުމަށް ވެސް ވަނީ ގޮވައިލައިފައެވެ. އަދި ޕީޕީއެމްގެ ޙަރަކާތް ޤާނޫނުގައިވާ ގޮތުގެ މަތިން ކާނިވާ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހުރަސް ނޭޅުއްވުމަށް ވެސް ޕީޕީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!