ޚަބަރު

މިއަދުގެ މުޒާހަރާގައި ފުލުހުން އަމަލުކުރީ އިންޑިއާ ސިފައިންގެ ކޮމާންޑަށް: އަދުރޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަދުގެ މުޒާހަރާގައި ފުލުހުން އަމަލުކުރީ އިންޑިއާ ސިފައިންގެ ކޮމާންޑުތަކަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

އިދިކޮޅު ކޯލިޝަނުގެ "އިންޑިއާ އައުޓް" ހަރަކާތުގައި މިއަދު މާލޭގައި ކުރިއަށް ގެންދަމުންދާ "ނޭވާ ހޮޅިއަށް" ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ މިއަދުގެ ހަރަކާތަށް ސަރުކާރުން ވަރަށް ބޮޑަށް ހުރަސް އަޅައިފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަން ކަމަކީ ޤާނޫނު އަސާސީން  ލިބިދީފައި އޮތް ހައްޤެއް ކަމަށާއި ދިވެހި ފުލުހުން އަރައިގަތީ އެ ހައްޤަށް ކަމަށާއި ތަބާވެގެން ތިބީ ޣައިރު ޤާނޫނީ އަމުރަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

“މިއަދުގެ މި ހަރަކާތަށް ސަރުކަަރުން ވަރަށް ބޮޑަށް ހުރަސް އަޅައިފި. ދިވެހި ފުލުހުން ވެސް އެއްވެސް ގޮތަކަށް ޣައިރު ޤާނޫނީ އަމުރަށް ތަބާވެގެން ނުވާނެ. އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން އަޅުގަނޑުމެންނަށް ލިބިދީފައި އޮތް ހައްޤެއް. އެ ހައްޤަށް މި އަރައިގަތީ”

މީގެ އިތުރުން އަދުރޭ ވިދާޅުވީ ރައްޔިތުން ނިކުމެ ތިބީ ސަރުކާރު ވައްޓައިލާން ނޫން ކަމަށާއި އެންމެން ނިކުމެ ތިބީ މި ގައުމުގައި އިންޑިއާގެ މިލިޓަރީ ސިފައިން ތިބުމުން އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ކަމަށެވެ. އަދި އެ މުޒާހަރާގައި އިންޑިއާ ސިފައިން ހަރަކާތްތެރިވި ކަމަށާއި ފުލުހުން އަމަލު ކުރަމުން ދަނީ އެމީހުންގެ ކޮމާންޑަށްކަމަށް އަދުރޭ ވިދާޅުވިއެވެ.

“ރައްޔިތުން ނިކުމެ މިއުޅެނީ އެއްގޮތަކަށް ވެސް ސަރުކާރު ވައްޓައިލާކަށް ނޫން. އަޅުގަނޑުމެން ނިކުމެ މިއުޅެނީ މި ގައުމުގައި ތިބި އިންޑިއާގެ މިލިޓަރީ ސިފައިން ތިބީމަ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް. މިތާގައި މިހާރު ވެސް އިންޑިއާ ސިފައިން އެބަ އުޅޭ. ހަމަ ޓީޝާޓު ލައިގެން އިންޑިއާ ސިފައިން އައިސް ތިބެގެން އެމީހުންގެ ކޮމާންޑަށް ފުލުހުން މި އަމަލު ކުރަމުން މިގެންދަނީ. އެމީހުން ދޭ ކޮމާންޑާ އެއްގޮތަށް އަމަލު ކުރަނީ”

އަދުރޭ ވިދާޅުވީ ދިވެހި ސިފައިނާ ފުލުހުންގެ މައްޗަށް އަމުރު ކުރަނީ އިންޑިއާ ސިފައިންނާއި އިންޑިއާ ސަރުކާރުން ކަމަށާއި ރައްޔިތުން ބޭނުން ވަނީ މިކަމަށް ނިންމުމެއް ގެންނަން ކަމަށެވެ. އަދި މިއަދުގެ ހަރަކާތަކީ ރައްޔިތުން ބޭނުން ވެގެން ހިންގާ ހަރަކާތެއް ކަމަށާއި މި ގައުމުގެ ރައްޔިތުންނަށް ވުރެ ސަރުކާރަށް މުހިންމު ވަނީ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ދިޔުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

“މިއަދު ފެނިގެން މިދަނީ އަޅުވެތިވެފައި އޮތް ގައުމެއް. ދިވެހި ސިފައިންނާ ފުލުހުންގެ މައްޗަށް އަމުރު މި ކުރަނީ އިންޑިއާ ސިފައިންނާއި އިންޑިއާ ސަރުކާރުން. ރައްޔިތުން ބޭނުން މިކަމަށް ނިންމުމެއް ގެންނަން. މި ހަރަކާތަކީ ރައްޔިތުން ބޭނުން ވެގެން ހިންގާ ހަރަކާތެއް. މި ގައުމުގެ ރައްޔިތުންނަށް ވުރެ ސަރުކާރަށް މުހިންމު ވަނީ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ދާން”

މިއަދުގެ މިހަރަކާތް ފެށުމުގެ ދެގަޑިއިރުގެ ކުރިން ގިނަ އަދަދެއްގެ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް އެއްވެ އެ ސަރަހައްދަށް ނުވަދެވޭނެހެން މަގުތައް ބަންދުކޮށްފައެވެ.

އެ ސަރަހައްދު ބަންދުކުރުމާ އެކު މުޒާހަރާގެ ބައިވެރިން "އިންޑިއާ އައުޓް" ޓީޝާޓްގައި ކާނިވާ ސަރަހައްދަށް ވަނީ އެއްވެފައެވެ. އެއަށް ފަހު މަގުތަކަށް ނިކުމެފައިވެއެވެ. މުޒަހަރާއަށް އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ބައެއް މީހުންނަށް ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!