ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ ދެ ޤައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ޤައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ޤާއިމްކުރެވުނު އެއްބަސްވުމެވެ.
މިނިސްޓްރީ އޮފް ހެލްތާއި އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރއާ ދެމެދު ޤާއިމްކުރެވުނު ވެކްސިން ސެޓްފިކެޓާ ގުޅޭ އެއްބަސްވު މާއެކު ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި މިހާރަށް ވުރެ ގިނަ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ކޮވިޑް ސޭފް ވެބްސައިޓް މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިއާގެ ކޮވިޑް ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް އެއްޤައުމު އަނެއް ޤައުމުން ބަލައިގަންނާނެއެވެ.
މިއަދު ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ)އާއި، އިންޑިއާގެ ނޭޝަނަލް އިންފޮރމެޓިކްސް ސެންޓަރ (އެން.އައި.ސީ)އާ ދެމެދު ސޮއިކުރެވުނު ޕިއަރިންގ އެގްރިމެންޓަކީ މި ދެ މުއައްސަސާގެ މެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ދެޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ހަޔަރ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސްއާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ރަސްމީކޮށް ގުޅުން ޤާއިމްކޮށްދެއްވައިފައެވެ.
މީގެ އިތުރުން ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވޭނެއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ފޮރިން މިނިސްޓަރ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.