ޚަބަރު ރައްޔިތުންގެ މަޖިލިސް

ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ގޮވައިލައި ކުއްލި މައްސަލައެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުކުރު ދުވަހު ބޭއްވި އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by MWSC

ޝިޔާމް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އިންޑިޔާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމާ ދެކޮޅަށް މިމަހުގެ 25ވަނަ ދުވަހު މާލޭގައި ބޭއްވުނު އިޙްތިޖާޖުގެ ތެރެއިން ދިވެހި ސަރުކާރާއި އިންޑިޔާގެ އަމުރަށް 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށް އަނިޔާކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުން އިންތިޚާބުކޮށްފައިވާ ފަރާތްތަކާއި އިންޑިޔާ މިލިޓަރީ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލި އެތައް ދިވެހި ރައްޔިތުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރެއިން 9 މީހުން އަދިވެސް ބަންދުކޮށްފައިވާ ކަމަަށާއި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 27ވަނަ މާއްދާއާއި 32ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށްވާ އިރު އެ ޙައްޤުތައް ހަނިކޮށް، ނިގުޅައިގަނެފައިވާކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

ޝިޔާމް ވަނީ އިންޑިޔާ ސިފައިން ބޭލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން ގޮވަމުންދާއިރު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން ސަރުކާރާ އިންޑިޔާގެ އަމުރަށް ހައްޔަރުކޮށްފައި ތިބި އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވައިލައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!