ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ބޭއްވި ވަރލްޑް ގަވަރންމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ސަމިޓްގެ ފުރަތަމަ ޕެނަލް ޑިސްކަޝަން "އަވަރ ރައިސިންގ ބްލޫ ވޯޓަރސް: ގަވަރންމެންޓްސް ކޮމްބެޓިންގ ކްލައިމެޓް ޗޭންޖް"ގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ ވަރލްޑް ގަވަރންމަންޓް ސަމިޓްގެ 8ވަނަ އެޑިޝަން ބާއްވައިފައި ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ސީދާ އިރުޝާދުގެ ދަށުންނެވެ.
ވަރލްޑް ގަވަރންމަންޓް ސަމިޓް 2022ގައި ޕެންޑެމިކަށް ފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެ ގޮތް ވަޒަންކޮށް، ޕެންޑަމިކްގެ ފަހުގެ ޒަމާނެއްގެ މުސްތަޤްބަލް ތަޞައްވުރުކުރާނެއެވެ. އެކި ޤައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބު އުސް ފަރާތްތަކާއި ކަންކަމުގައި ގޮތް ނިންމާ ފަރާތްތައް މި ސަމިޓްގައި ބައިވެރިވެވަޑައިގެން ޚިޔާ ލުބަދަލުކުރައްވައި، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަގުފަހި ކުރައްވާނެއެވެ.
އެކި ޤައުމުތަކަށް ކުރިމަތިވާ ވަކިވަކި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ޚިޔާލު ބަދަލުކުރެވި ބެސްޓް ޕްރެކްޓިސްތަކާއި ސްމާޓް ސޮލިއުޝަންތައް ހޯދުމަށް މި ސަމިޓަކީ އެކަށޭނަ ޕްލެޓްފޯމެކެވެ. އެގޮތުން މި ބައްދަލުވުންތަކަށް ހާޒިރުވާ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ބޭފުޅުން އެއްތަންވެ އެކި ކަންކަމުގައި ވިސްނުން ފުޅާކޮށް، ސަރުކާރުތަކާއި އުފެއްދުންތެރި ޚިޔާލާއި ދެމެދު ހުރި ގޮންޖެހުންތައް ގިރާކޮށް ތަރައްޤީއާއި ފުދުންތެރިކަން ކުރިއެރުވުމަށް މަގުފަހިކުރެވިގެންދާނެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީގެ ދުބާއީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގަންނަވައެވެ.