ރައީސް ޔާމީނަށް ކުރެންދޫން ހޫނު މަރުހަބާއެއް!

ޅ.ކުރެންދުއަށް އިދިކޮޅު ލީޑަރު ، ރައީސް ޢަބްދުﷲ ޔާމީން ވަޑައިގަތުމުން އެ ރަށުން ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދަންނަވައިފިއެވެ.
މިއަދުގެ ހަވީރުގެ ވަގުތެއްގައި ރައީސް ޔާމީން ކުރެންދުއަށް ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޅ.ކުރެންދޫ ކައުންސިލްގެ ބައިއިލެކްޝަންގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބުކުރުމުން އެ ރަށުގެ ރައްޔިތުން ބާއްވާ އުފާފާޅުކުރުމުގެ ޙަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް ޔާމީން ، ކުރެންދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް އިސްވެ މަރުޙަބާ ދެންނެވީ އަތޮޅު ކައުންސިލްގެ ރައީސާއި ބައިއިލެކްޝަންގައި ކާމިޔާބު ހޯއްދެވި އިސްމާޢީލް މަދީޙްގެ އިތުރުން އެ އިންތިޚާބުގެ ކެމްޕެއިންގައި އިސްކޮށް ޙަރަކާތްތެރިވި ކެމްޕެއިން ޓީމެވެ. މީގެ އިތުރުން ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެ މަނިކުފާނަށް އިސްތިޤުބާލް ކުރިއެވެ.

ފޮޓޯ:ޕީޕީއެމް މީޑިއާ
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައިއިލެކްޝަން ކާމިޔާބު ކުރުމާ ގުޅިގެން ބާއްވާ ޙަފްލާ މިރޭ ކުރެންދޫ ބަނދަރު ސަރަހައްދުގައި އޮންނާނެއެވެ. މި ޙަފްލާގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާޢު އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި ބައިއިލެކްޝަން އިސްމާޢީލް މަދީޙް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ޢަލީ ނަސީމާ ވާދަކުރައްވައެވެ. އެމްޑީޕީގެ ސަޕޯޓް ބޮޑު ކުރެންދޫގެ މި ގޮނޑި ގެއްލުމާ އެކު އެ ޕާޓީން ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ސަބަބު ދެނެގަތުމުގެ ދިރާސާއެއް ފަށައިފައެވެ.
ކުރެންދޫގެ ބައިއިލެކްޝަން ބާއްވައިފައި މި ވަނީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބާ ގުޅިގެން ޕާޓީ ތެރޭގައި ޚިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙާ ދެމެދު އޮތް ސިޔާސީ ބަދަހިކަން ފޫވެއްޓި ، ކުރެންދޫގެ އެމްޑީޕީގެ ގިނަ ބަޔަކު ވެސް ޕީޕީއެމްއާ ގުޅިފައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.