ޚަބަރު

ޑީސީއީއޯގެ ރައްދު މެމްބަރުންނަށް: ކަންކަންވީ ރަނގަޅު!، މައްސަލައެއް އޮތިއްޔާ ބައްލަވަން ވަޑައިގަންނަވާ!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ބޯޑެއް އެކުލަވައިލައި، ޚިދުމަތްތައް ތަރުތީބު ކުރުމުން، ތަނުގައި ދެމުން ގެންދިޔަ ޚިިދުމަތްތައްވީ ރަނގަޅު ކަމަށް، ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ, ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިޔުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ މުހައްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޔާމް މިހެން ވިދާޅުވީ، "ދެން"އަށް މިއަދު ދެއްވި އިންޓަރވިއުއެއްގައެވެ.

ފަރުވާ ހޯދުމަށް މާލެއަށް އަންނަން ޖެހޭ އައުން މަދުކޮށް، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހިންގުން ހެލްތު މިނިސްޓްރީގެ ދަށުން ވަކިކޮށް، އެ ތަން ބެލެހެއްޓުމަށް ބޯޑެއް އެކުލަވައިލައިފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރުމަހުގެ ތެރޭގައެވެ.

އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވަނީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. މި މައްސަލައިގައި، ބަހުސް ކުރެއްވި މެންބަރުންގެ ތެރެއިން، ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ގަމު ހޮސްޕިޓަލުގެ ބޯޑަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި ސިރާޖު ވިދާޅުވީ، ހޮސްޕިޓަލުގެ ހާލަތު ގޯސްވީ އެއްވެސް ހިންގުންތެރިކަމެއް ނެތް ފަރާތްތަކުން ނަގައިގެން ބޯޑެއް އެކުލަވައިލި ހިސާބުން ކަމަށެވެ. އަދި ބޯޑު އެކުލަވައިލި ފަހުން ބޯޑުގެ މަސައްކަތް ނުހިނގާ ކަމަށާއި އެތަނުގައި ހިންގުނު ކަމަކީ އެކީގައި އުޅުނު ގާތް ބަޔަކަށް ވަޒީފާތައް ބަހާލުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، ހޮސްޕިޓަލު ހިންގުން ބޯޑުގެ ދަށަށް އައި ފަހުން އެތައް ކަމެއް ރަނގަޅުވެފައިވާ ކަމަށެވެ.

ބޯޑު އައިސްގެނެއް އަޅުގަނޑުމެންގެ ހޮސްޕިޓަލު ގޯހެއް ނުވޭ. ރަނގަޅުވެފައި ހުރީ. ބޯޑާ އަޅުގަނޑުމެން ހަވާލުވި ފަހުން، ވޭތުވެދިޔަ ހަ މަހެއްހައި ދުވަސް ތެރޭގައި، އޭރުގައި ނެތް ކިތަންމެ ޑޮކްޓަރުންނެއް ގެނެސް ހަމަ ކުރެވިއްޖެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މައްސަލަ ހުށަހެޅުއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު ސައީދު ވިދާޅުވީ، ކޮންމެހެން ތިބެން ޖެހޭ ޑޮކްޓަރުން ނެތް އިރު، ގިނަ ޓެސްޓުތައް ވެސް ހެއްދޭނެ ގޮތެއް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ނެތް ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، މި ވަގުތު ހޮސްޕިޓަލުގައި މަދީ، ސްކޭން ޑޮކްޓަރަކާއި ރޭޑިއޯލޮޖިސްޓެއް ކަމަށެވެ. އަދި ބައެއް ޚިދުމަތްތަކަށް ޚާއްސަ ދެތިން ޑޮކްޓަރުންގެ ޓީމެއް އޮތްކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ދަތުގެ ޑިޕާޓްމެންޓަކީ ރާއްޖޭގައި ގުނައިލެވޭ ވަރުގެ ޑިޕާޓްމެންޓެއް ކަމަށެވެ.

ސްކޭން ޑޮކްޓަރެއް ނެތް ސަބަބު ހާމަކޮށްދެއްވަމުން ޝިޔާމް ވިދާޅުވީ، މިމަހުގެ 23ވަނަ ދުވަހު ސްކޭން ޑޮކްޓަރެއް އަންނަ ގޮތަށް ހަމަޖެހިފައި އޮތް ކަމަށާއި ނަމަވެސް އަމިއްލަ ސަބަބުތަކާ ހުރެ އައުން ކެންސަލް ކުރި ކަމަށެވެ. އަދި މިހާރު އައު ޑޮކްޓަރަކާ އިންޓަވިއުކޮށް، އެ މީހާ ގެނައުމުގެ މަސައްކަތް އޮތީ އިމިގްރޭޝަން ކްލިއަރެންސް ހިސާބުގައި ކަމަށް ވިދާޅުވިއެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ދައްކާ ގިނަ ބައެއް ، އައިޖީއެމްއެޗަށް "ރިފަރ"ކުރަން ޖެހޭކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އެކަން މަދުކުރުމަށް މަސައްކަތް ކުރައްވާކަމަށާއި ހޮސްޕިޓަލެއްގެ ގޮތުގައި މީހުން ބަލައިގަންނާނީ އޭރުން ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، އަތޮޅުގެ މެންބަރުން ރީޖަނަލް ހޮސްޕިޓަލް ރަނގަޅު ކުރުމަށް އެހީތެރިވާން ޖެހޭ ކަމަށެވެ. އަދި ހޮސްޕިޓަލް ހިންގަން ދިން ބަޖެޓް ކުޑަކަން ފާހަގަކޮށް، އެކަ މާމެދު އަޑު އުފުލި މެންބަރެއް ހުރިތޯ ސުވާލު ކުރެއްވިއެވެ.

އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެންގެ އަތޮޅުގެ މެންބަރުން އެބަޖެހޭ ކަންނޭނގެ ގަމު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވަން. އެ ބޭފުުޅުންގެ ޒިންމާއެއް އެއީ މިތަން ރަނގަޅު ކުރުމަކީ. ހަމައެކަނި މަޖިލީހުގައި ވާހަކަ ދެއްކުމަކުން ނުފުދޭ

ސައީދު ހުށަހެޅުއްވި، މި މައްސަލަ ދިރާސާ ކުރުމަށް މިއަދު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

Ads by HDC
  1. ާަގަމަ މީހާ

    ހަގީގަތް އެހެންކޮޅަކައް ޖަހަން މޮޅެތި އިންޓަވިޔ ދިނަސް ތިތަން އޮތީ ވަރައް ވީރާނާ ވެފަ. ރަނގަޅައްވިއްޔާ ކައްކާ އިން ޑޮކުޓަރުންގެ ސެޓްފިކެޓް ގަ ތިބޭނީ.. ހާއްސަކޮއް އޮޕްރޭސަން ކުރާން ތިބީ.