އޭޝިއާ ދުނިޔެ

އިމްރާން ޚާން މަގާމުން ދުރުކުރަން ވޯޓު ނެގުން ކުރިއަށް ގެންދަން ހުކުމްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރުކުރަން ވޯޓު ނެގުން މާދަމާ ކުރިއަށް ގެންދަން އެ ޤައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by WAMCO

އިމްރާން މަގާމުން ދުރުކުރުމުގެ ވޯޓަށް އެހުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ތައްޔާރުވުމުން، އިމްރާން ޚާން ވަނީ ޤާނޫނު ހަދާ މަޖިލިސް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ އެދިލެއްވުމުގެ މަތިން ޕާކިސްތާނުގެ ރައީސް ޑރ. އާރިފް އަލްވީ ވަނީ އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އެއްކޮށް މި މަހުގެ 3 ވަނަ ދުވަހު އުވައިލައިފައެވެ.

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލިސް އުވައިލައިފައި މިވަނީ، އިމްރާން ޚާން މަގާމުން ދުރުކުރުމުގެ މައްސަލައަކީ މަޖިލީހުން ބެލޭނެ މައްސަލައެއް ނޫން ކަމަށް އެ މަޖިލީހުގެ ނައިބު ލީޑަރު ނިންމަވައި، އެމައްސަލަ މަޖިލީހުން ބޭރު ކޮށްލައިފައި ވަނިކޮށެވެ. އަދި އެ މައްސަލައަކީ ބޭރުގެ ނުފޫޒުން ހުށަހަޅައިފައިވާ މައްސަލައެއް ކަމަށް ވެސް ނައިބު ލީޑަރު ވިދާޅުވެފައިވެއެވެ.

މި މައްސަލަތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިރޭ ވަނީ، ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް މާދަމާ ހެނދުނު 10:00ގައި ބޭއްވުމަށް އެ މަޖިލީހުގެ ރައީސަށް އަމުރުކޮށްފައެވެ. އަދި ބޮޑުވަޒިރު އިމްރާން ޚާންގެ އިތުބާރު ނެތް ކަމުގެ ވޯޓު ވެސް މާދަމާ ނެގުމަށް އެ އައުމުރުގައި ވެއެވެ.

"ޤާނޫނު ހަދާ މަޖިލިސް އުވައިލުމަށް މިމަހުގެ 3ވަނަ ދުވަހު ބޮޑު ވަޒީރު، ރައީސަށް ކޮށްފައިވާ އަމުރަކީ ޤާނޫނާ ޤަވާއިދުތަކާ ޚިލާފު އަމުރެއް" ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު އުމަރް އަޓާ ބަންޑައިލް ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ އެކު، ކޯޓުން ބޭރުގައި އެވަގުުތު އެއްވެ ތިބި އިދިކޮޅު ފަރާތްތަކުން ވަނީ ކޯޓުގެ އެ ނިންމުމަށް ސަނާ ކިޔައި އުފާ ފާޅުކޮށްފައެވެ. އަދި ހަމަ އެތަނުގައި އެއްވެ ތިބި އިމްރާން ޚާންގެ ސަޕޯޓަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އެއީ އެމެރިކާގެ ނުފޫޒުން ނިންމި ނިންމުމެއް ކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!