އިންޕޯޓްކުރާ ސަރުކާރަކަށް ފުރުސަތު ނުދީ އެންމެ ފަހު ބޯޅައާ ހަމަޔަށް މަސައްކަތްކުރާނަން: އިމްރާން ޚާން
ޕާކިސްތާނަށް އިންޕޯޓްކުރާ ސަރުކާރަކަށް ފުރުޞަތެއް ނުދޭނެ ކަމަށާއި ، މަގާމުގައި ދެމިހުންނަން އެންމެ ފަހު ބޯޅައާ ހަމަޔަށް މަސައްކަތް ކުރާނެކަމަށް ޕާކިސްތާންގެ ބޮޑު ވަޒީރު އަދި އެ ގައުމުގެ ކުރީގެ ކްރިކެޓް ކެޕްޓަން އިމްރާންޚާން ބުނެފިއެވެ.
އިމްރާންޚާންގެ ޕާކިސްތާން ތެހްރީކޭ އިންސާފް ޕާޓީ އިސްވެ އޮވެ އުފައްދައިފައިވާ ކޯލިޝަނުން ބައެއް މެމްބަރުން ވަކިވެ އިދިކޮޅަށް މެޖޯރިޓީ ލިބުމާ އެކު އެ ގައުމުގެ އިދިކޮޅުން ވަނީ ބޮޑުވަޒީރު އިމްރާންޚާން މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅުނު އެ މައްސަލަ , ޑެޕިޔުޓީ ސްޕީކަރު ގާސިމް ސޫރީ ވަނީ ހުއްޓުވައިފައެވެ. އަދި އިމްރާންޚާންއަށް ވަފާތެރި ޕާކިސްތާންގެ ރައީސް އާރިފް އަލްވީ ވަނީ ޕާލިމަންޓް އުވައިލައްވައިފައެވެ.
މި ނިންމުމާ ގުޅިގެން އިދިކޮޅުން ވަނީ ޕާކިސްތާންގެ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އަދި ސްޕްރީމް ކޯޓުން ވަނީ އިދިކޮޅުން އެދުނު ގޮތަށް ޕާލިމެންޓް އުވައިލުމަކީ ޤާނޫނާ ޚިލާފަށް ކުރިކަމެއް ކަމަށް ކަނޑައަޅައި އިތުބާރު ނެތްކަމުގެ ވޯޓް ނެގުން ތާވަލްކުރެވިފައިވާ ގޮތަށް މިއަދު ކުރިއަށް ގެންދިޔުމަށް ޙުކުމްކޮށްފައެވެ.
މި ޙުކުމާ ގުޅޭ ގޮތުންނާއި ޕާކިސްތާންގެ ސަރުކާރުގެ ވިސްނުންތައް ބޮޑުވަޒީރު އިމްރާން ޚާން ރޭ ވަނީ އާންމުންނާ ހިއްސާކޮށްފައެވެ. އޭނާ ބުނެފައި ވަނީ އެމެރިކާއިން ޕާކިސްތާންގެ ސިޔާސީ ހުރިހައި ލީޑަރުންނާއި ނުފޫޒު ގަދަ މީހުން ބަލައި ދިރާސާކޮށްފި ކަމަށާއި އެ މީހުންނަށް ކިޔަމަން ނުވާނެ މީހަކަށް ފެނުނު ހަމައެކަނި މީހަކީ އިމްރާންޚާން ކަމަށެވެ. އަދި އޭނާ މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތުގެ އަޑީގައި އޮތީ ވޮޝިންގްޓަންކަމަށް ބުނަމުން ރަޝިއާއަށް އޭނާ ކުރަން އޮތް ދަތުރު ހުއްޓައިލުމަށް އެމެރިކާއިން އިންޒާރުދިން ކަމަށް ވެސް އިމްރާން ޚާން ބުނެފައި ވެއެވެ. މީގެ އިތުރުން ބޭނުންކޮށްލައިފައި އެއްލައިލާ ޓިޝޫކޮޅަކަށް ޕާކިސްތާން ނުހެދޭނެކަމަށް އޭނާ ބުންޏެވެ.
އިމްރާންޚާން ބުނީ އެމެރިކާއިން މަސައްކަތް ކުރަނީ އެ ގައުމުން ޖަހައިހާ ބެރަކަށް ނަށާ ސަރުކާރެއް ޕާކިސްތާންގައި ގާއިމްކުރަން ކަމަށާއި އެކަމަށް ފުރުޞަތެއް ނުދޭނެ ކަމަށެވެ. އަދި އިސްތިއުފާ ވެސް ނުދޭނެ ކަމަށާއި އެންމެ ފަހު ބޯޅައާ ހަމަޔަށް މަސައްކަތް ކުރާނެ ކަމަށް 1992ގެ ކްރިކެޓް ވޯލްޑްކަޕް ޕާކިސްތާނަށް ހޯދައިދިން އިމްރާން ޚާން ބުނެފައި ވެއެވެ.
ޕާކިސްތާން ޕާލިމެންޓްގެ 342 ގޮނޑީގެ ތެރެއިން ސާފު އަޣްލަބިއްޔަތުކަމަށްވާ 172އަށް ވުރެ ގިނަ ވޯޓް އިދިކޮޅުން ވަނީ ހަމަކޮށްފައެވެ. އިދިކޮޅުން އިމްރާންޚާން ގެއަށް ފޮނުވައިލައިފި ނަމަ އޭނާ ވެގެންދާނީ އިތުބާރު ނެތްކަމުގެ ވޯޓުން މަގާމު ގެއްލޭ ޕާކިސްތާންގެ ފުރަތަމަ ބޮޑުވަޒީރަށެވެ.
އިތުބާރު ނެތްކަމުގެ ވޯޓް ކުރިއަށް ގެންދިޔުމަށް ސްޕްރީމްކޯޓުން އަމުރުކުރުމާ އެކު އިމްރާން ޚާން ވަނީ "މެޗު ލަސްކޮށް ، ކާމިޔާބުކުރެވިދާނެ"އެހެން ފޯމިއުލާއެއް ހޯދައިފައެވެ. އެގޮތުން އެމެރިކާގެ ބައިވެރިވުން އޮވެ އެ ގައުމަށް ބައެއް މެމްބަރުން ބައިއަތު ހިފައިފައިވާ ކަމަށާއި އަދި ބައެއް މެމްބަރުންނަށް އިންޒާރުދީފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ. އަދި އެކަން ތަހުގީގު ކުރުމަށް ޓަކައި އޭނާ ވަނީ ކޮމިޓީއެއް ވެސް އެކުލަވައިލައިފައެވެ.
އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ބޮޑުވަޒީރު ޚާންގެ ޕާޓީގެ ޕޮލޮޓިކަލް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ މުހިންމު ނިންމުންތަކެއް ނިންމައިފައެވެ. އެގޮތުން ޕާޓީގެ ހުރިހައި މަޖިލިސް މެމްބަރުން ގަނޑުކޮށް އިސްތިއުފާދީ މަގުތަކަށް ނިކުމެ މުޒާހަރާކުރުމަށް އެ ކޮމިޓީން ވަނީ ނިންމައިފައެވެ. ޕާކިސްތާންގެ ސިޔާސީވެށި ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ވޯޓް ނެގުމުގެ ކުރީން މެމްބަރުން އިސްތިއުފާދޭނެ ކަމަށް ބެލެވެއެވެ. އަދި މުޒާހަރާކޮށް ވޯޓް ކުރިއަށް ގެންދިޔަ ނުދީ ނަމަވެސް ނުވަތަ އިމަޖެންސީ ޙާލަތަށް ގައުމު ގެންގޮސްގެން ނަމަވެސް އިމްރާންޚާންއަކީ ހިތްވަރާ އެކު ފަހު ވަގުތާ ހަމަޔަށް މަސައްކަތްކުރާނެ "ކުޅުންތެރިއެއް"ކަމަށް އެ ފަރާތްތަކުން ހާމަކޮށްފައި ވެއެވެ.
މިއަދު ބާއްވާ އިތުބާރު ނެތްކަމުގެ ވޯޓް އިމްރާންޚާންއަށް ނާކާމިޔާބު ވެއްޖެ ނަމަ އެ ގައުމުގެ ބޮޑުވަޒީރުކަމަށް ދެން އަންނާނެކަމަށް ބެލެވެނީ އިދިކޮޅު ލީޑަރު އަދި އިދިކޮޅު މައި ޕާޓީ މުސްލިމް ލީގުގެ ވެސް ލީޑަރު ޝެހެބާޒް ޝަރީފެވެ. އޭނާއަކީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ.
1947ގައި ޕާކިސްތާން މިނިވަންވީ ފަހުން އެ ގައުމުގެ އެއްވެސް ބޮޑުވަޒީރަކަށް ފަސްއަހަރުގެ ދައުރެއް ފުރިހަމަކުރެވިފައެއް ނުވެއެވެ. މީގެ ކުރީގެ ފަހަރުތަކުގައި އިދިކޮޅުން މަޖިލީހުގެ މެޖޯރިޓީ ހޯދައި މަގާމުން ދުރުކުރުމުގެ ކުރީން ބޮޑު ވަޒީރުން ވަނީ އިސްތިއުފާދީފައެވެ.
2018ވަނަ އަހަރު އިމްރާންޚާން ވެރިކަމަށް އައީ ވަރަށް ގިނަ ރައްޔިތުންގެ ފޮނި އުއްމީދުތަކަކާ އެކީގައެވެ. ނަމަވެސް އަވަށްޓެރި ސްރީލަންކާއެކޭ އެއްފަދައިން ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި ޕާކިސްތާންގެ އިގްތިޞާދު ވެސް ފުން އަނދަވަޅަކަށް ވެއްޓި އިމްރާންޚާންގެ މަގުބޫލުކަން ވަނީ ދަށްވެފައެވެ. އިމްރާން ޚާން ބުނެފައި ވަނީ އޭނާ މަގާމުން ދުރުކުރުމަށް ކުރާ މަސައްކަތުގެ އަސްލަކީ އިދިކޮޅުން ހިންގައިފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ފޮރުވުންކަމަށެވެ.
ސިޔާސީ ގުޅުންތަކަށް ބަލާއިރު އިމްރާން ޚާން ފާހަގަ ކުރެވިފައި ވަނީ ހުޅަނގާ ދެކޮޅު އަދި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ލީޑަރެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ ރަމަޟާން މަހުގައި އިސްރާއީލުން ފަލަސްތީންގައި ހިންގި ޢުދުވާނާ ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކި ދެ ލީޑަރުންގެ ތެރެއިން އެއް ލީޑަރަކީ ވެސް އިމްރާންޚާނެވެ. އަނެއް ލީޑަރަކީ ތުރުކީގެ ލީޑަރު ތައްޔިބު އުރުދުޣާނެވެ. މީގެ އިތުރުން އޭނާއަކީ އަބަދުވެސް ދުޝްމަންކަން އޮންނަ ދިއްލީގެ ނުރުހުން ބޮޑު ވަތަނީ ލީޑަރެކެވެ.