އަވަށްޓެރި ގައުމުތަކުގެ ތެރެއިން ސިޔާސީ ހަލަބޮލިކަން އެންމެ ބޮޑު ގައުމަކީ މިނިވަންކަން ލިބުނީއްސުރެ ބަރުލަމާނީ ނިޒާމެއް އޮންނަ ޕާކިސްތާނެވެ. މިނިވަންކަމަށް މި އަހަރު 75 އަހަރު ފުރޭއިރު އެ ގައުމުގެ އެއްވެސް ބޮޑު ވަޒީރަކަށް ދައުރު ފުރިހަމަ ކުރެވިފައެއް ނުވެއެވެ. އިތުބާރު ނެތްކަމުގެ ވޯޓް ހުށަހެޅުމާއި ބޮޑު ވަޒީރުން އިސްތިއުފާ ދިނުން އެއީ އެ ގައުމުގައި ވަރަށް އާންމު ކަމެކެވެ. މީގެ އިތުރުން ސިޔާސީ ބައެއް ލީޑަރުން ވަނީ މަރައިލެވިފައެވެ.
މިއަދުގެ ޙާލަތު
2018ވަނަ އަހަރު ވެރިކަމަށް އައި ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން އިމްރާންޚާންގެ ވެރިކަން އިއްޔެ ވަނީ ނިމުމަކަށް އައިިސްފައެވެ. ޕާކިސްތާންގެ 22ވަނަ ބޮޑު ވަޒީރު އިމްރާންޚާންގެ ތަހްރީކޭ އިންސާފް ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ގެއްލި އިތުބާރު ނެތްކަމުގެ ވޯޓް ހުށަހެޅުމުން ވެސް އޭނާ ވަނީ އިސްތިއުފާ ނުދީ ވޯޓާ ކުރިމަތިލައިފައެވެ. އެންމެ ފަހު ބޯޅައާ ހަމަޔަށް މަސައްކަތް ކުރި ނަމަވެސް އިމްރާންޚާންގެ ކޯލިޝަނުން ނިކުތް މެމްބަރުން އިދިކޮޅާ ގުޅި 342 މެމްބަރުން ތިއްބަވާ މަޖިލީހުގެ 174 ވޯޓް ހޯދައި އިމްރާންޚާން ވަނީ އިއްޔެ ގެއަށް ފޮނުވައިލައިފައެވެ.
އިތުބާރު ނެތްކަމަށް ހުށަހެޅި ވޯޓް ހިފަހައްޓައި ރައީސް އާރިފް އަލްވީގެ އަމުރަށް މަޖިލިސް އުވައިލުމާ ގުޅިގެން އިދިކޮޅުން ވޯޓް ކާމިޔާބުކުރީ ސްޕްރީމް ކޯޓަށް ގޮސް ، އެ ނިންމުން ނަފީކުރުމަށް ފަހުގައެވެ. ހަމައެހެންމެ މަޖިލިސްގެ ރިޔާސަތަށް އިދިކޮޅު މެމްބަރެއް ވެސް ގެނެސްގެންނެވެ.
އިމްރާންޚާން ބުނެފައި ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓްގައި ފަހަތުގައި ވަނީ އެމެރިކާ ކަމަށެވެ. އެގޮތުން ރަޝިއާއަށް ދަތުރު ނުކުރުމަށް ވޮޝިންގްޓަނުން އޭނާއަށް އަންގައިފައި ވަނިކޮށް އެ ގައުމުގެ ނުރުހުން އޭނާއަށް އިތުރުވެގެން ދިޔަ ކަމަށާއި ، އެ ގައުމަށް އަތްދަށު ނުވާނެ ޕާކިސްތާންގެ ހަމައެކަނި ލީޑަރަކަށް ހުރީ އިމްރާންޚާން ކަމަށް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން މުސްލިމް ލީގުގެ ލީޑަރު ޝެހެބާޒް ޝަރީފް އިސްވެ ހުރި އިދިކޮޅުގެ ސަރުކާރަކީ "އިންޕޯޓް"ސަރުކާރެއް ކަމަށް ބުނެ އޭނާ ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އިމްރާންޚާން ބުނެފައި ވަނީ ޕާކިސްތާނަކީ ބޭނުންކޮށްފައި އެއްލައިލާ ޓިޝޫ ކަރުދާސްކޮޅަކަށް ވިޔަކަ ނުދޭނެ ކަމަށާއި އިދިކޮޅުގެ ބޭނުމަކީ އެ މީހުންގެ ކަރަޕްޝަންގެ މައްސަލަތައް ފޮރުވުންކަމަށެވެ. އަދި ޝެހެބާޒް ޝަރީފްގެ އިދިކޮޅު ކޯލިޝަނަކީ އެމެރިކާއިން ޖަހާހައި ބެރަކަށް ނަށާ ބައެއްކަމަށް އޭނާ ސިފަކުރިއެވެ.
ރޭ ނެގި އިތުބާރު ނެތް ވޯޓް ނާކާމިޔާބުވުމާ އެކީ އިމްރާންޚާން ވަނީ ރަސްމީގެ ދޫކޮށްލައި އަމިއްލަގެއަށް ގޮސްފައެވެ. އިމްރާންގެ ތަހްރީކޭ އިންސާފް ޕާޓީގެ ބައެއް މެމްބަރުން ބުނެފައި ވަނީ އިމްރާން ރަސްމީގެ ދޫކޮށްލީ އިސްޖަހައި ލަދުވެތިކަމާ އެކު ނޫންކަމަށެވެ. ބޮޑުވަޒީރު ޚާން އެނބުރި ގެއަށް ދިޔައީ ފަޚުރުވެރިކަމާ އެކު ކަމަށް އެ ޕާޓީން ސިފަކޮށްފައި ވެއެވެ.
ދުޝްމަނުންގެ އެކުވެރި ސަރުކާރެއް
އިމްރާންޚާންގެ ސަރުކާރު ވައްޓައިލުމަށް އެއްބައިވި މައިގަނޑު ތިން ޕާޓީއަކީ ވެސް ވޭތުވެދިޔަ ތާރީޚްގައި އެއްބަޔަކާ އަނެއް ބައެއްގެ ދުޝްމަނުންނެވެ. ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޮ ޝެހެބާޒް ލީޑްކުރާ މުސްލިމް ލީގާއި 2007ގައި ރާވަލްޕިންޑީގައި މަރައިލެވުނު ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިފުޅު ބިލްވާލް ބުއްޓޫ ޒަރުދާރީ ލީޑްކުރާ ޕީޕަލްސް ޕާޓީގެ އިތުރުން ޖާމިއަތު އުލަމާއުލް އިސްލާމްގެ ލީޑަރު މައުލާނާ ފަޒުލްރަހުމާން ގުޅި އިމްރާންޚާން ބަލިކޮށްލެވުނު ނަމަވެސް އެ ތިން ޕާޓީއަކީ ވެސް މާޒީގެ އެކުވެރީންނެއް ނޫނެވެ.
އައު ބޮޑުވަޒީރެއް ކަނޑައެޅުމުގެ ޖަލްސާ މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިދިކޮޅުން އެ މަގާމަށް ވާދަކުރާނީ ޝެހެބާޒް ޝަރީފެވެ. މީގެ އިތުރުން އިއްޔެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ތަހުރީކޭ އިންސާފުން ވެސް އެ މަގާމަށް ވާދަކުރާނެއެވެ. އެ ޕާޓީން ހުށަހަޅައިފައިވާ ނަމަކީ ކުރީގެ ފޮރިން މިނިސްޓަރ ޤުރައިޝީއެވެ.
އިދިކޮޅަށް ބަދަލުވި ތަހުރީކޭ އިންސާފުން މިއަދު ވަނީ ޕޮލޮޓިކަލް ކޮމިޓީގެ ޖަލްސާއެއް ބާއްވައި ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އެ ކޮމިޓީން ނިންމައިފައި ވަނީ ޝެހެބާޒްގެ ސަރުކާރެއް ބަލައިނުގަތުމަށާއި ރައްޔިތުން ނިކުމެ މުޒަހަރާ ކުރުމަށެވެ. އަދި ތަހުރީކޭ އިންސާފުގެ މަޖިލިސް މެމްބަރުން އިސްތިއުފާދިނުމަށް ވެސް މަޝްވަރާކޮށްފައި ވެއެވެ.
އިގްތިޞާދީ އަނދަވަޅަކަށް ވެއްޓިފައި އޮތް ޕާކިސްތާނަށް މިއަދު އިރު އެރީ ޝެހެބާޒާއި ބިލްވާލްގެ އިތުރުން ފަޒުލްރަހުމާނަށް އުފާވެރިކަން ދެމުންކަމަށް ވިޔަސް އެ ގައުމުގެ ކުރިމަގުން އަދި ދައްކަނީކީ ފަސޭހަ މަގެއް ނޫނެވެ. އަންނަ އަހަރުގެ އޮކްޓޯބަރގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބާ ހަމަޔަށް އެކުލަވައިލާ ސަރުކާރަކީ މަސްހުނި ފިކުރުތަކެއްގެ ކޮކްޓެއިލެއްކަމަށް ވުމާ އެކު އެއީކީ ވަރުގަދަ ވެރިކަމަކަށް ވާނެ ކަމަކަށް ނުބެލެވެއެވެ. އަދި ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރަކަށް ހުރެ ވަރުގަދަ މަސައްކަތްތަކެއްކޮށް ޝެހެބާޒްގެ އަތުގައި ރަނގަޅު ޓްރެކް ރެކޯޑެއް އޮތް ނަމަވެސް ކޮކްޓެއިލް ކޯލިޝަނާ އެކު ގައުމަށް ދިމާވެފައި އޮތް މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވިދާނެ މިންވަރާ މެދު ވެސް ސުވާލު އުފެދެއެވެ. ހަމަ އެއާ އެކު އިންތިޚާބާ އެހައި ގާތްވެފައިވުމާ އެކު ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ ސިޔާސީ ކުރިމަގަށް ވިސްނުން ބަހައްޓާނޭކަމީ މި ކުރުމުއްދަތުގެ ސަރުކާރަށް ލިބޭނޭ އެންމެ ބޮޑު ބަލިކަށިކަމެވެ.