ސަލްމާން މިސްކިތުގައި ދަރުހެއް ދޭން ޕީޕީއެމަށް ފުރުސަތު ނުދީ އަދާލަތަށް ދިނުމުން މައްސަލަ މަޖިލީހަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ތަރައްގީ ކުރި ސަލްމާން މިސްކިތުގައި ދަރުހެއް ދޭން އިދިކޮޅު ޕީޕީއެމަށް ފުރުސަތު ނުދީ، ދަރުސް ބޭއްވުމުގެ ފުރުސަތު ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރެވެ.
އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގައި ދަރުހެއް ދިނުމަށް އިދިކޮޅު ފަރާތްތަކުން އެދުމުން އެކަން ހަމަޖައްސައި ނުދެއްވުމާއި އެކަމަށް އެދި ފޮނުވި ސިޓީއަށް ރަސްމީ ޖަވާބެއް ވެސް ނުދެއްވާތީއާއި ދަރުސް ދިނުމަށް މިސްކިތްތަށް ދޫކުރުމުގައި ގެންގުޅޭ އުސޫލާ މެދު ކަންބޮޑުވުންތަކެއް ހުރުމާ އެކު އެކަން ބައްލަވައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ.
މަޖިލީހަށް ފޮނުއްވައިފައިވާ ސިޓީގައި އާދަމް ޝަރީފު ސުވާލުކުރައްވައި އެދިލައްވައިފައި ވަނީ، ޕީޕީއެމުން ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ވެސް ޖަވާބު ދީފައި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެނީ ކީއްވެގެންތޯއާއި ދީނީ ދަރުސް ދިނުމަށް މިސްކިތްތައް ދޫކުރާ އުސޫލެއް ކަނޑައަޅައިފައިވޭތޯ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށެވެ.