ދުނިޔެ

ޕާކިސްތާންގެ 23ވަނަ ބޮޑުވަޒީރަކަށް މުއްސަނދި ޝެހެބާޒް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޕާކިސްތާންގެ 23ވަނަ ބޮޑު ވަޒީރަކަށް ޕާކިސްތާން މުސްލިމް ލީގުގެ ލީޑަރު ޝެހެބާޒް ޝަރީފް ހޮވިވަޑައިގެންފިއެވެ.

Ads by Sosun Fihaara

އިދިކޮޅު ލީޑަރު ޝެހެބާޒް އެ މަގާމަށް ހޮވިވަޑައިގަތީ ނެޝަނަލް އެސެމްބްލީގައި މިއަދު ނެގުނު ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ. 342 މެމްބަރުން ތިއްބަވާ އެ މަޖިލީހުގެ 174 ވޯޓް ޝެހެބާޒަށް ލިބިވަޑައިގަތެވެ. ޝެހެބާޒަށް އެ އަދަދު ކަށަވަރު ކުރެވުމާ އެކު ބޮޑުވަޒީރު އިމްރާންޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީން އެ މަގާމަށް ވާދަކުރި ކުރީގެ ފޮރިން މިނިސްޓަރ ގުރައިޝީގެ ވޯޓަށް އަހައިފައެއް ނުވެއެވެ. އަދި ތަހްރީކޭ އިންސާފުން ވަނީ މަޖިލިސް ދޫކުރައްވައި ޖަލްސާ ބޮއިކަޓްކޮށްފައެވެ.

ޕާކިސްތާން ބޮޑުވަޒީރު މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިމްރާންޚާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ގެއަށް ފޮނުވައިލެއްވުމުންނެވެ. އިދިކޮޅު މުސްލިމް ލީގާއި ޕީޕަލްސް ޕާޓީގެ އިތުރުން ޖާމިއަތު އުލަމާއިން އިސްވެ އޮވެ ނެގި އެ ވޯޓު ވެސް އިދިކޮޅުން ކާމިޔާބުކުރީ 174 ވޯޓުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު މަގާމުން ދުރުކުރުވެނު ފަހުން އިމްރާންޚާން މިއަދު ވަނީ ފުރަތަމަ ފަހަރަށް މަޖިލީހަށް ޙާޟިރުވެވަޑައިގެންފައެވެ. އޭނާ ވަޑައިގަތުމުން ތަހްރީކޭ އިންސާފުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. އަދި އިމްރާންގެ ދިފާޢުގައި ރޭ ޕާކިސްތާންގެ 40 ސަރަޙައްދަކަށް އެއްވެ އަޑު އުފުލި އެތައް ހާސް ރައްޔިތުންގެ ކަންބޮޑުވުމާ ގުޅިގެން ސުވާލު ކުރުމުން އިމްރާން ވިދާޅުވީ "ޢިއްޒަތް ދެއްވާނީ ﷲ"ކަމަށެވެ.

އައު ބޮޑުވަޒީރު ޝެހެބާޒް މިއަދުގެ ވަގުތެއްގައި މަގާމުގެ ހުވާކުރައްވާނެއެވެ. ރައީސް އާރިފް އަލްވީގެ ކުރިފުޅުމަތީގައި ޝެހެބާޒަށް ހުވައިލައިދެއްވާނީ އުއްތަމަފަނޑިޔާރެވެ.

ޝެހެބާޒްގެ ސިޔާސީ އެންމެ ކާމިޔާބު މަސައްކަތަކީ 2013އިން 2018އަށް ޕަންޖާބުގެ ޗީފް މިނިސްޓަރުކަމުގައި ހުންނަވައިގެން ކުރެއްވި ތަރައްޤީގެ މަސައްކަތްތަކެވެ. ޗައިނާގެ އެހީގައި އޭނާ ވަނީ ޕަންޖާބުގައި ގިނަ މަޝްރޫޢުތަކެއް ހިންގައިފައެވެ. ޗައިނާއާ ޚާއްޞަ ގުޅުމެއް އޮންނަ ޝެހެބާޒުގެ ވެރިކަމުގައި އެ ގައުމާ ދެމެދު އޮންނަ ގުޅުން ، ޚާންގެ ވެރިކަމުގެ ދުވަސްވަރަށް ވުރެ ހަރުދަނާ ވާނެކަމަށް ޗައިނާގެ ސްޓޭޓް މީޑިއާއިން ވެސް ބުނެފައި ވެއެވެ.

ޝެހެބާޒަކީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ކޮއްކޯފުޅެވެ. ޝަރީފްގެ ޢާއިލާއަކީ ތަނަވަސް އާއިލާއެކެވެ. އޭގެ އިތުރުން ބޮޑުވަޒީރު ޝެހެބާޒް، އާއިލާގެ ތަނަވަސްކަމުގެ އިތުރުން އަމިއްލަފުޅު ވިޔަފާރީގައި ވެސް ކާމިޔާބެވެ. އޭނާގެ ހިއްސާ އޮންނަ ، ދަގަނޑުގެ ވިޔަފާރިކުރާ އިއްތިފާގު ގުރޫޕަކީ މަލްޓިމިލިއަން ޑޮލަރުގެ ވިޔަފާރި ކުންފުންޏެކެވެ. 2013ގައި ވެސް ޝެހެބާޒްގެ މިލްކިއްޔާތުގައި 336.9 މިލިއަން ރުޕީސް ހުއްޓެވެ.

ޝެހެބާޒާއި ކޮއްކޯފުޅު ނަވާޒު އަދި ނަވާޒްގެ ދަރިކަލުން މަރިޔަމް

ޝެހެބާޒްގެ ވެރިކަން ދެމިއޮންނާނީ އަންނަ އަހަރު އޮކްޓޫބަރ މަހާ ހަމައަށެވެ. އެ މަހުގައި އޮންނަ އާންމު އިންތިޚާބަށް ފަހު އައު ސަރުކާރުން މަގާމާ ހަވާލުވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!