އޭޝިއާ ދުނިޔެ

ބަދަލުވަމުންދާ ޕާކިސްތާންގެ ޙާލަތު: އިސްލާމްއާބާދަށް ބުރަ ދުވަހެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ޝެހެބާޒް ، މަގާމުގެ ހުވައި ކުރެއްވުމަށްފަހު ތަޤްރީރު ކުރައްވަނީ

ޑިމޮކްރެސީގެ ރާޅެއް އަރަބި އިސްލާމީ ގައުމުތަކަށް އަރައި އެ ތަންތަން ދޮވެލި ފަދައިން ، އިގްތިޞާދީ ހަނަފަސްކަމެއްގެ ރާޅެއް މިވަނީ މި ސަރަހައްދަށް ބިންދައިލައިފައެވެ. އިރާގާއި، ލީބިޔާ އަދި މިސްރުގައި އޮތް ވެރިކަންތައް މުލުން ލުހެލި ބީދައަކުން އަވަށްޓެރި ސްރީލަންކާއާއި ޕާކިސްތާންގެ ވެރިކަންތައް އެދަނީ ލުހެމުންނެވެ.

Ads by WAMCO

ޕާކިސްތާންގައި ހިނގައިދިޔަ ސިޔާސީ ކޯޅުންގަނޑަށް ފަހު ބޮޑުވަޒީރު އިމްރާންޚާން ވަނީ މަގާމުން ދުރުކޮށްފައެވެ. އެއާ އެކު ނެޝަނަލް އެސެމްބްލީގެ މެޖޯރިޓީ ކޮންޓްރޯލްކުރާ އިދިކޮޅުގެ ކެނޑިޑޭޓް ޝެހެބާޒް ޝަރީފް ، ރޭ ވަނީ ބޮޑުވަޒީރުކަމުގެ ހުވައިކުރައްވައިފައެވެ. އެގޮތުން ފުރޮޅެމުން ނިއުޅެމުންދާ ޕާކިސްތާންގެ ސިޔާސީ މަޞްރަޙްގައި އެތައް ކަންތައްތަކެއް ވޭތުވެދިޔަ 24ގަޑިއިރު ވެސް ވަނީ ހިނގައިފައެވެ.

ހުވައިކުރެއްވުމުގައި ރައީސް ބައިވެރިވެވަޑައެއް ނުގެންނެވި

ޕަންޖާބުގެ ޗީފް މިނިސްޓަރުކަން ތިން ދައުރުގައި ކުރެއްވި އައު ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ހުވާކުރެއްވީ ރޭ 9ޖެހިއިރުއެވެ. އާލާސްކަންފުޅާ އުޅުއްވާތީ ، މި ރަސްމިއްޔާތުގައި ރައީސް އާރިފް އަލްވީ ބައިވެރިވެވަޑައެއްނުގަންނަވައެވެ. ބޮޑުވަޒީރު ޚާންއަށް ވަފާތެރި އާރިފް ވިދާޅުވީ މަސައްކަތުން ދުރުވެ އަރާމު ކުރެއްވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައިފައިވާ ކަމަށެވެ.

ރައީސް އާރިފް އަލްވީ ވަޑައިނުގަތުމުން ހުވައިލައިދެއްވީ ސެނެޓްގެ ޗެއަރމަން ޞާދިޤް

އުރުދުޣާނާއި މޯދީގެ އިތުރުން ޗައިނާގެ މަރުޙަބާ ، ވައިޓްހައުސްގެ ކުރު ސްޓޭޓްމަންޓެއް

ސިޔާސީ ޙަޔާތުގެ އިތުރުން ވިޔަފާރީގައި ވެސް ކާމިޔާބު މަހުޖަނު ޝެހެބާޒް ހުވާ ކުރެއްވުމާ އެކު އެކި ދައުލަތްތަކުން ވަނީ ޝެހެބާޒަށް މަރުޙަބާ ކިޔައިފައެވެ. އޭގެ ތެރޭގައި ތުރުކީއާއި އިންޑިއާގެ އިތުރުން ޗައިނާ ވެސް ހިމެނެއެވެ. އެގޮތުން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ޕާކިސްތާންގެ 23ވަނަ ބޮޑުވަޒީރު ޝެހެބާޒަށް ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެފައެވެ. އަދި ޝެހެބާޒްގެ ވެރިކަމުގައި ޕާކިސްތާނާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ޝެހެބާޒަށް މަރުޙަބާ ދަންނަވައި ބޮޑުވަޒީރު މޯދީ ވިދާޅުވީ ބިރުވެރިކަން ނައްތައިލައި ސަރަހައްދުގެ ސުލްޙައާއި ހަމަޖެހުން ހޯދަން އިންޑިއާއިން ބޭނުންވާ ކަމަށެވެ.

ޗައިނާގެ އިސް އޮފިޝަލަކު ރަސްމީކޮށް ޝެހެބާޒަށް މަރުޙަބާ ދެންނެވިކަން މީޑިއާއަށް ތިލަވެފައި ނުވި ނަމަވެސް އެ ގައުމުގެ ސްޓޭޓް މީޑިއާ ، ގްލޯބަލް ޓައިމްސްގައި ބުނެފައި ވަނީ ބޮޑުވަޒީރު ޚާންގެ ވެރިކަމުގައި ޕާކިސްތާނާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް ވުރެ ހަރުދަނާ ގުޅުމެއް ބޮޑުވަޒީރު ޝެހެބާޒްގެ ޒަޢާމަތުގައި އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ޕާކިސްތާނާ މެދުގައި އަބަދުވެސް ނުތަނަވަސް ގުޅުމެއް އޮންނަ ވައިޓްހައުސްއިން ވެސް ވަނީ އައު ބޮޑުވަޒީރު ހުވާ ކުރެއްވުމުން ކުރު ސްޓޭޓްމަންޓެއް ނެރެފައެވެ. އެ ސްޓޭޓްމަންޓްގައި ބުނެފައި ވަނީ އެމެރިކާއިން ތާއީދުކުރާ ކަމަކީ ޑިމޮކްރަސީގެ އަސާސްތައް ނެގެހެއްޓުން ކަމަށާއި އެއް ޕާޓީގެ މައްޗަށް އަނެއް ޕާޓީއަކަށް އެމެރިކާއިން ތާއީދު ނުކުރާކަމަށެވެ.

އިންޑިއާއާއި ޕާކިސްތާންގެ ނުތަނަވަސްކަން

ޕާކިސްތާނާއި އިންޑިއާއާ ދެމެދު އޮންނަ އެންމެ ބޮޑު ނުތަނަވަސްކަމަކީ ކަޝްމީރުގެ މައްސަލައެވެ. ފުރަތަމަ ތަޤްރީރުގައި ވެސް ބޮޑުވަޒީރު ޝެހެބާޒް ވަނީ ކަޝްމީރުގެ މައްސަލައަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ،

ޝެހެބާޒް ވިދާޅުވީ ކަޝްމީރުގެ މައްސަލަ ޙައްލު ނުވެ ޕާކިސްތާނާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ނުވާނެ ކަމަށެވެ. އެހެންކަމުން ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް މައްސަލަ ނިންމުމަށް ބޮޑުވަޒީރު މޯދީ އިސްވެ މަސައްކަތް ކުރައްވަން އެދިވަޑައިގަތެވެ. އަދި ކަޝްމީރު ރައްޔިތުންގެ އަޑު އުފުލުމުގައި ޕާކިސްތާން ދެމިއޮންނާނެކަން ހާމަކުރެއްވިއެވެ. އަދި އިންޑިއާއާއި ޕާކިސްތާން ވެސް ހިއްސާކުރާ ކަޝްމީރުގެ ދެފަޅީގައި ވެސް އޮތީ ވަޒީފާ ނުލިބުމާއި ފަގީރުކަމާއި ޞިއްޙީ މައްސަލަތައްކަން ފާހަގަ ކުރައްވަމުން ރައްޔިތުންނާއި ދެން އަންނާން އޮތް ޖީލްތައް ވެސް ހަލާކުކޮށްލުމުގެ ބޭނުމަކީ ކޮބައިތޯ ޝެހެބާޒް ސުވާލު ކުރެއްވިއެވެ.

ތަހްރީކޭގެ މެމްބަރުން އިސްތިއުފާދިނުން

އައު ބޮޑުވަޒީރުކަމުގެ މަގާމަށް ޝެހެބާޒް ހޮވިވަޑައިގަތުމާ އެކު ، އިމްރާންޚާންގެ ތަހްރީކޭ އިންސާފްގެ މެމްބަރުން ވަނީ ޖަލްސާ ދޫކުރައްވައި މަޖިލީހުން ނިކުމެވަޑައިގެންފައެވެ. އޭގެ ފަހުން އިމްރާންޚާންގެ އެދިވަޑައިގަތުމާ އެއްކޮށް މެމްބަރުން ދަނީ އިސްތިއުފާ ދެއްވަމުންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި އިސްތިއުފާ ދިނުމާ މެދުގައި އެ ޕާޓީ މެމްބަރުން ޚިޔާލު ވަނީ ކަފިވެފައެވެ. އެގޮތުން އިސްތިއުފާ ދިނުމާ ދެކޮޅު މެމްބަރުން ވިދާޅުވެފައި ވަނީ އެކަމުގެ ނަތީޖާއަކީ "ސަރުކާރު ބޭނުން ގޮތަކަށް ކުޅެން ދަނޑު ދޫކޮށްލުން"ކަމަށެވެ. ނަމަވެސް އިމްރާން ޚާން ވިދާޅުވެފައި ވަނީ ބޭރުގެ ބާރުތަކުން އިންޕޯޓްކޮށްފައިވާ ،އެ ގައުމުގެ ލުޓޭރުންނާ އެއް މަޖިލީހެއްގައި ނީންނަވާނެ ކަމަށާއި މެމްބަރުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގަންނަވާނޭ ކަމަށެވެ.

ތަހްރީކޭ އިންސާފްގެ ޕާލިމެންޓްރީ ގްރޫޕް ބައްދަލުވުމެއްގައި އިމްރާން ވާހަކަ ދައްކަވަނީ، އަވަސް އިންތިޚާބަކަށް ބާރު އެޅުއްވުމަށް މެމްބަރުން އިސްތިއުފާ ދެއްވަން އެދިވަޑައިގެންނެވި

އިމްރާންޚާންގެ އެދިވަޑައިގަތުމަށް ތަހްރީކޭ އިންސާފްގެ ޕޮލޮޓިކަލް ކޮމިޓީން އެ ނިންމުން ނިންމައި މެމްބަރުން މިހާރުދަނީ ގަނޑުކޮށް އިސްތިއުފާ ދެއްވަމުންނެވެ. އިސްތިއުފާ ދެއްވި މެމްބަރުންގެ އަދަދު ކަށަވަރު ނުވި ނަމަވެސް ކުރިއަށް އޮތް ދެ މަސްތެރޭގައި 100އެއްގައި ބައިއިލެކްޝަން ބާއްވަން ޖެހިދާނެ ކަމަށް ޕާކިސްތާންގެ މީޑިއާތައް ބުނެއެވެ.

މިނިމަމް ވޭޖާއި ޕެންޝަން ބޮޑުކުރުން

މަގާމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަޤްރީރްގައި ބޮޑުވަޒީރު ޝެހެބާޒް ވަނީ މިނިމަމް ވޭޖު ބޮޑުކުރެއްވިކަން އިއުލާންކުރައްވައިފައެވެ. އެގޮތުން މިހާރު ވެސް އިގްތިޞާދީގޮތުން ވެއްޓިފައި އޮތް ޕާކިސްތާންގެ ސަރުކާރު މުވައްޒަފުންގެ މިނިމަމް ވޭޖް މިމަހުން ފެށިގެން 25000 ރުޕީސް (ގާތްގަނޑަކަށް 2100 ރުފިޔާ)އަށް ބަދަލުކުރެއްވިކަން އިއުލާން ކުރެއްވިއެވެ. އަދި ރިޓަޔަރކޮށްފައި ތިބި އެންމެންގެ ޕެންޝަން 10އިންސައްތަ އިތުރުކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.

ގޭމް ޗޭންޖަރއަށް ފުރަތަމަ ދުވަހު ވެސް ކެއްސެއް؟

ޕާކިސްތާންގެ ވެރިކަން ފުރޮޅައިލުމުގެ ފުރުސަތު ފަހިކޮށްދިން ޕާޓީއަކީ ބޮޑުވަޒީރު އިމްރާންޚާންއާ އެކު ކޯލިޝަން ހަދައިފައި އޮތް މުއްތަހިދާ ގައުމީ މޫވްމަންޓެވެ. މަރުޙޫމާ ބޭނަޒީރު ބުއްޓޫގެ ޕީޕަލްސް ޕާޓީއެކޭ އެއްފަދައިން އެ ޕާޓީގެ ހަތްގޮނޑި ވެސް ޝެހެބާޒް ކޮޅަށް ދީލައިލީ ސިޔާސީ ޑީލްތަކުގެ ތެރެއިންނެވެ. އެއްބަސްވުންތަކެއްގެ ދަށުންނެވެ. އެގޮތުން ޕީޕަލްސް ޕާޓީއާ މެދުގައި ވެވުނު އެއް އެއްބަސްވުމަކީ ހުއްޓައިލެވިފައި އޮތް "ބޭނަޒީރު އިންކަމް ސްޕޯޓް ޕްރޮގްރާމް(ބީއައިސީޕީ)" އަލުން ފެއްޓުމެވެ. (2020ގައި ބޮޑުވަޒީރު އިމްރާންޚާން އެ ޕްރޮގްރާމް ހުއްޓަވައިލެއްވީ ޕާކިސްތާންގެ އެންމެ ބޮޑު ވެލްފެއަރ ޕްރޮގްރާމް "އިހްސާސް" ތަޢާރަފް ކުރެއްވުމަށްފަހުގައެވެ.)

އައު ބޮޑުވަޒީރު ޝެހެބާޒްގެ ފުރަތަމަ ތަޤްރީރުގައި ބީއައިސީޕީ އަލުން ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސިންދު ޕްރޮވިންސްގައި ޕީޕަލްސް ޕާޓީއާ އެކު ސްޓޭޓް ސަރުކާރު ހިންގާ މުއްތަހިދާއާ އެކު ސޮއިކުރެއްވި އެއްބަސްވުމުގެ އެއްވެސް ވާހަކައެއް ޝެހެބާޒް ވިދާޅުވެފައެއް ނުވެއެވެ. މިކަމާ ހިތްހަމަނުޖެހި އެ ޕާޓީގެ ލީޑަރު ވަޞީމް އަޚްތަރު ވަނީ ޝެހެބާޒަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން ޝެހެބާޒަށް ވެރިކަން ލިބިވަޑައިގަތީ އެ ޕާޓީގެ ސަބަބުން ކަމަށާއި އެ ޕާޓީއަށް ވެވަޑައިގެންނެވި ވައުދުގެ ވާހަކަ ވެސް ވިދާޅުވާން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

" މިއަދު ޝެހެބާޒަށް ސްޓޭޖް ލިބިވަޑައިގަތީ މި ޕާޓީގެ ސަބަބުން ، ބުއްޓޫ (ބީއައިސީޕީ) ކާޑުގެ ވާހަކަ ވިދާޅުވިއިރު މި ޕާޓީގެ އެގްރީމެންޓްގެ ވާހަކަ ވިދާޅުނުވީ ކީއްވެ" އޭނާ ސުވާލު ކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!