ދީން

ފިޠުރު ޒަކާތުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ލޯތްބާއި އެކުވެރިކަން ޤާއިމްވާނެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by Sosun Fihaara

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވައިލައިފައި ވަނީ ރަމަޟާން މަހުގެ ރޯދައާއި ފިތުރު ޒަކާތުގެ މައްޗަށެވެ.

މާތް ﷲ ޤަބޫލު ކުރައްވާނެ ޝަފާޢަތެއް އަޅަމެންނަށް ލިބިގެންވާކަން ހުކުރު ޚުތުބާގައި ހަނދުމަކޮށްދެއްވައިފައިވެއެވެ. އަޅަމެންނަށް އެއްވެސް ޙައްދެއްނެތް ދެއްވުންތަކެއް ލިބިގެންވެއެވެ. އަޅަމެންގެ އަޑުތައް ވަނީ ޤުރްއާނުން ޒީނަތްތެރިކޮށްފައެވެ. އެ ރޯދައާއި މާތް ﷲގެ ދަރުބާރަށް ގޮސް އަޅަމެންނަށް ޝަފާޢަތްތެރިވާނެތެވެ. އަދި މާތް ﷲ އެ ޝަފާޢަތް ޤަބޫލު ކުރައްވާނެތެވެ.

ރަސޫލާ (ޞޢވ) ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ރޯދައާއި ޤުރްއާން އަޅާއަށް ޤިޔާމަތް ދުވަހު ޝަފާޢަތްތެރިވާނެއެވެ. ރޯދަ ދަންނަވާނެތެވެ. މިއަޅާގެ ވެރިރަސްކަލާކޮ! މިއަޅާ އޭނާއަށް ދުވާލު ކާބޯތަކެއްޗާއި، ޝަހުވަތްތައް މަނާ ކުރީމެވެ! ފަހެ މިއަޅާއަށް ޓަކައި އޭނާއަށް ޝަފާޢަތްލައްވާނދޭވެ! ޤުރްއާން ދަންނަވާނެތެވެ. މިއަޅާގެ ވެރިރަސްކަލާކޮ! މިއަޅާ އޭނާ ރޭގަނޑުގެ ނިދިން  މަޙްރޫމް ކުރީމެވެ. ފަހެ މިއަޅާއަށް ޓަކައި އޭނާއަށް ޝަފާޢަތްލައްވާނދޭވެ! ފަހެ އެހިނދު ﷲ އެ ދެފަރާތުގެ ޝަފާޢަތް ޤަބޫލު ކުރައްވާނެތެވެ.

ރަމަޟާން މަހުގައި އަހަރެމެން ހިފި ރޯދަ ފުރިހަމަކޮށް ދެއްވުމަށް ޓަކައި އަހަރުމެންގެ މައްޗަށް ފިޠުރު ޒަކާތް ޝަރްޢު ކުރައްވައިފައިވެއެވެ. އެއީ އަހަރެމެން ހިފި ރޯދައިގައިވާ އުނިކަންތައް ފިލުއްވައި ދެއްވުމަށްޓަކައެވެ.

ރަސޫލާ (ޞޢވ) ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ފިޠުރު ޒަކާތަކީ ހަޑިހުތުރު ޢަމަލުންނާއި އެފަދަ ބަސްތަކުން ރޯދަވެރިޔާ ޠާހިރުކޮށްދޭ އެއްޗެކެވެ. އަދި އެއީ މީސްތަކުންނަށް ދެވޭ ކެއުމެކެވެ.

މާތް ﷲ މީސްތަކުންގެ މައްޗަށް ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ މަތިވެރި މާތް މަޤްސަދަކަށް ޓަކައެވެ. އޭގެތެރޭގައި ފަޤީރުން ޢީދު ދުވަހު ފުދުންތެރި ބަޔަކަށް ހެދުމާއި، އެމީހުންގެ އެދުވަހުގެ މުހުތާދުތައް ފުއްދައި ދިނުމާއި، ޢީދުގެ އުފަލުގައި އެބައިމީހުން ބައިވެރިކުރުން ހިމެނެއެވެ.

ފިޠުރު ޒަކާތުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ލޯތްބާއި، ކުލުނާއި، އެކުވެރިކަން ޤާއިމުވެގެންދެއެވެ. ޢީދުގެ އުފަލުގައި އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހުރިހައި އެންމެންނަށް ޢީދު އުފާވެރި މުނާސަބަތަކަށް ވާނެއެވެ. ކީރިތި ރަސޫލާ (ޞޢވ) ސިފަކުރައްވައިފައިވާ ފަދަ އެއްބަނޑު އެއްބަފައި މުޖުތަމަޢަކަށް އިސްލާމީ މުޖުތަމަޢު ވާނީ އުފަލާއި ހިތާމައިގައި، މުޖުތަމަޢުގެ އެންމެން ބައިވެރިވެގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!