2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ: އީވާ
2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ރައީސް ނަޝީދު ތާއީދު ކުރައްވާ ކެނޑިޑޭޓް އިމްތިޔާޒް ފަހުމީއަށް ތާއީދު ހޯދުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ. ރައީސް ނަޝީދުގެ ދެބޭންދެދަރި ކޮއްކޮ އީވާ މިރޭ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ވެސް ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށެވެ.
"2023 އަޅުގަނޑުމެން ބޭނުން. ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023ގެ އިންތިޚާބަށް އިރާދަ ކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތި ލައްވާނެ" އީވާ ވިދާޅުވިއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އިރު، ޕްރައިމަރީގައި ވާދަ ކުރައްވާނެ ރައީސް ޞާލިޙް އަދި ހާމަކުރައްވައިފައެއް ނުވެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު މިފަހުން ގެންދަވަނީ ސަރުކާރާ ދެކޮޅަށް ފާޅުގައި ބަސް ބުނަމުންނެވެ. އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެެޖެއްގައި ، ސަރުކާރާ އެކު އެމްޑީޕީ ނުފެތުމަށް ގޮވައިލައި ސަރުކާރާ ވަކިވުން ރަނގަޅު ކަމަށް ވަނީ އިޝާރާތް ކުރައްވައިފައެވެ.