ރައީސް ޞާލިޙް ހޮވަން ޚިޔާނާތުގެ ބައިވެރިން ޚަރަދު ކުރައްވާނެ ކަމަށް ވިދާޅުވާތީ ކަންބޮޑުވޭ: ހަސަން ލަތީފް
ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބައިވެރިން އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ހޮވަން ފައިސާ ޚަރަދު ކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ގެންދިއުމަކީ އެމްޑީޕީގެ މެންބަރުން ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ވާދަ ކުރައްވާ އިމްތިޔާޒް ފަހްމީއަށް ތާއީދު ހޯދުމަށް ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ،.
ހަސަން ލަތީފްގެ ވާހަކަފުޅުގައި ވިދާޅުވީ، އެމްޑީޕީ އުފެދުނީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، އެ ނޫން އެއްވެސް ބޭނުމެއްގައި ނޫން ކަމަށެވެ. އަދި އެކަން ކުރުމަށް މިއަދު ފުރުސަތުތަކެއް ލިބިފައި އޮތްކަން ފާހަގަ ކުރަމުން ވިދާޅުވީ މިއަދު އޮތީ އެމްޑީޕީގެ ސަރުކާރަކާއި އެމްޑީޕީގެ މަޖިލީހަކާއި ކައުންސިލް ތަކެއް ކަމަށެވެ. ނަމަވެސް މިއަދު ކޮންމެވެސް ސަބަބުތަކަކާ ހުރެ ރައްޔިތުން އެމްޑީޕީއަށް ކުރަމުން އަންނަ ތާއީދު ފަނޑުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު އެންމެ ކަންބޮޑުވާ ކަމަކީ ތި އެންމެ ބޭފުޅުން އަޅުގަނޑުމެންނަށް ކުރި އިތުބާރު ފަނޑުވަމުންދާތަން އަޅުގަނޑުމެންނަށް ފެންނަކަން." ހަސަން ލަތީފް ވިދާޅުވީ، މިއަދުގެ ސަރުކާރަށް އޮތް ތާއީދު ފަނޑުވާ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރު ގެނައުމަށްވި ވައުދުތައް ފުއްދުމަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުން ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ، ރަށްރަށުގައި ނަރުދަމާ ޤާއިމްކުރުމާއި ބޮޑު ހިލަ ޖެހުން ފަދަ ކަންކަން ކުރުމަކީ ވައުދު ފުއްދުން ނޫން ކަމަށާއި އެމްޑީޕީގެ އެންމެ ބޮޑު ވައުދުތަކަކީ އަތް ނުލެވޭ ވައުދުތައް ކަމަށެވެ.
މިގޮތުން، އެމްއެމްޕީއާރުސީގެ ޚިޔާނާތް ބެލުމާއި، ކޮރަޕްޝަަންގެ ދޮރުތައް ބަންދު ކުރުމާއި ހިނގައިފައިވާ ކޮރަޕްޝަންގެ އަމަލުތައް ބެލުމަކީ ބޮޑެތި ވައުދުތައް ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ، މިއަދުގެ ސަރުކާރުން ކޮރަޕްޝަން ބަލަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށާއި ސަރުކާރުގެ ތެރެއިން ހިނގި ވެންޓިލޭޓަރުގެ ކޮރަޕްޝަން ނުބެލި، ޕާޓީގެ މެންބަރުންގެ އިތުބާރު މިއަދު ޕާޓީއަށް ގެއްލިފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތަށް އިޝާރާތް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުން އެމްޑީޕީގެ ތެރޭގައި ވެސް އެބަތިބި ކަމަށެވެ. އަދި އެ ޚިޔާނާތުގެ މައްސަލައިގައި ވަކި ބަޔަކު ސަލާމަތް ކުރަން މަސައްކަތް ކުރާތަން ކަމަށާއި، މިއީ ވެސް ސަރުކާރަށް އިތުބާރު ކުޑަވާ ކަމެއް ކަމަށެވެ. އަދި ޚިޔާނާތުގެ ބައެއް ބައިވެރިން ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ހޯދައިދޭން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ހަސަން ތުހުމަތު ކުރެއްވިއެވެ.
"އޭގެ ތެރެއިން ބައެއް ބޭފުޅުން ވަރަށް އަޑު ހަރުކޮށް އެ ވިދާޅުވަނީ، ތިމަންނާގެ ޖާނާއި މާލުން. އެމްއެންޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ބޭފުޅުން، ތިމަންނާގެ މާލުން މި ހުރީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އަނެއްކާ ވެސް އަނެއް ދައުރަށް މިހާރުގެ ރައީސް ހޮވަން ޚަރަދު ކުރާށޭ، މިއީ ކަންބޮޑުވާ ކަމެއް"
ހަސަން ލަތީފް ވިދާޅުވީ، ޚިޔާނާތުގެ ފައިސާއިން އެމްޑީޕީގެ ކެނޑިޑޭޓަކަށް ޚަރަދު ކުރައްވާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވުމަކީ ވެސް ސަރުކާރަށް އޮތް ތާއީދު ހަނިވާ ކަމެއް ކަމަށެވެ.
ހަސަންގެ ވާހަކަފުޅު ނިންމަވައިލެއްވީ، 2023ވަނަ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި އެކަން ކުރާނީ އިމްތިޔާޒް ފަހްމީގެ ޗެއަރޕާސަން ކަމުގައި ކަމަށް ވިދާޅުވަމުންނެވެ.
"މިހާރު ހިންގާ ބޮޑު މި މަޝްރޫއުއަކީ 2023ގެ އިންތިޚާބު އަނެއްކާ ވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި އަނެއްކާ ވެސް ކާމިޔާބު ކުރުން. އިރާކުރެއްވިއްޔާ އިންތިޔާޒު ފަހްމީގެ ޗެއަރޕާސަންކަމާ އެކީގައި 2023ގެ އިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށް، އެމްޑީޕީގެ ބަސްވިކޭނެ ސަރުކާރު އުފައްދައި، ތި އެންމެ ބޭފުޅުންނަށް މާ ފާގަތި މުސްތަޤްބަލެއް އަޅުގަނޑުމެން ޤާއިމް ކޮށްދޭނަން." ހަސަން ލަތީފް ވިދާޅުވިއެވެ.
ގައުމުގައި ހުޅުޖެހުމުގެ މުސްތަގުބަލެއް އަންނި ސަރުކާރަކުން ކޮށްދޭނީ ވަރަށް ވަރަށް ސާފް އިނގޭތޯ
އެމްޑީޕީ އުފެދުނީ ތާހުރު ދިރިއުޅުމެއް ހޯދަދޭން ފަތިސްހަނދުވަރުގައި އެކަމު ފަތިސް ވާއިރު ބޮޑުން ތިބެނީ ބޮއިގެން ދެމިފާ، ވައްކަމޭ ކިޔާފަ އެއްމެ ބާރަށް ހަޅޭއްލިމީހުންނަށް ބައިތުލްމާލު ފެނުނީމަ އަމަށަކު ހެޔެއްނެތި ކައި ހުސްކޮއްފަ ފިލީ، އެހެން މީހަކު ވެރިކަމަށް އަރާ ފޫބެއްދީމަ އަލުން އައިސް މިއޮއްކައި ނަގަނީ