ދީން

ރަމަޟާން މަހާ އަލްވަދާޢު ކިޔަސް، ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބޭށެވެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ ހެޔޮކަމުގައި ދެމިތިބުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ހަމަކަށަވަރުން ރަޙްމަތާއި ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަހަރެމެންނާ އަލްވަދާޢު ކިޔުމަށް މިވަނީ ކުޑަތަންވެފައެވެ. މިބަރަކާތްތެރި މައްސަރުގައި އަޅުތަކުން ކުރާ ޢަމަލުތަކުގެ ފަތްތައް، މާތް ﷲގެ ޙަޟްރަތަށް އުފުލިގެންދާނެއެވެ. އެ އުފުލުނު ޢަމަލުތައް ޤަބޫލުވެވި ނަރަކައިން މުއްތިކުރެވުނު މީހަކަށް ހުރި ހެޔޮކަމެއްގެ ބޮޑުކަމާއެވެ! އަދި އެ ޢަމަލުތައް ޤަބޫލުނުވެވި، އަނބުރާ ރައްދުކުރެވޭ މީހަކަށް ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ! މާތް ﷲ އަޅަމެންނަށް އެފަދަ ދެރަގޮތެއް މިންވަރު ނުކުރައްވާށި! އާމީން!

އަހަރެމެންގެ ތެރެއިން ބައެއް މީހުން ރަމަޟާން މަހު ނަމާދުގެ ޖަމާޢަތަށް ރައްކާތެރިވެ، ގިނަގިނައިން ޤުރްއާން ކިޔަވައި، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ފަހު، ރަމަޟާން މަސް ނިމުމުން މިކަންކަމަށް ފަރުވާކުޑަކުރާކަމީ އެކަމާމެދު ވިސްނަން ޖެހިފައިވާ ކަމެކެވެ. މިއީ މީހަކު އެތައް ޚަރަދަކާއި، އެތައް މަސައްކަތެއް ކޮށްގެން ރަނގަޅު ބިނާއެއް ކުރުމަށް ފަހު، އެ ބިނާ އަމިއްލަ އަތުން ފުނޑުފުނޑު ކޮށްލުން ފަދަ ކަމެއް ނޫންތޯއެވެ؟ އެފަދަ މީހުން ހީކުރާ ގޮތުގައި ރަމަޟާން މަހަކީ އެމީހުން މުޅި އަހަރު ތެރޭގައި ކުރާ ފާފަތައް ފުހެލުމަށް މާތް ﷲ ދެއްވާފައިވާ ރަނުގެ ފުރުސަތެކެވެ. ރަމަޟާން މަސް ނިމުމުން އަނެއްކާ ވެސް ކުރީގެ ޙަޔާތަށް އެނބުރި ރުޖޫޢަވާންވީއެވެ! އެހެން ނަމަވެސް އެބައިމީހުންގެ އެ ހީކުރުމަކީ ކުށް ހީއެކެވެ. ފާފަތަކަށް އެނބުރި ދިޔުމަށް ގަސްތުކުރާ ހާލުގައި ކުރާ ހެޔޮ ޢަމަލުން ކުރާނީ ކޮން ފައިދާއެއްތޯއެވެ؟

އަޅުން ކުރާ ހެޔޮ ޢަމަލު މާތް ﷲ ޤަބޫލު ކުރެއްވިކަމުގެ ނިޝާންތަކެއްގެ ގޮތުގައި ބައެއް ކަންތައް ޢިލްމުވެރިން ބަޔާންކުރައްވައިފައި ވެއެވެ. އެއީ ހެޔޮ ޢަމަލު ކުރުމަށް ފަހު އެ ޢަމަލު ދޫކޮށް ނުލައި، ފާފަތަކަށް އަރައި ނުގަނެ ހުރުމެވެ. ހެޔޮ ޢަމަލަކީ މާތް ﷲ ގެ ޙަޟްރަތުގައި، މަޤްބޫލު ޢަމަލަކަށް ނުވެ ހިނގައިދާނެތީ، އެކަމަށް ބިރުވެތިވުމެވެ. ހެޔޮ ޢަމަލު ކުރުމަށް ފަހު ފާފަތަކާ ދުރުހެލިވެ، ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިހުރުމުގެ ތައުފީޤު ލިބުމެވެ. ކުރެވުނު ހެޔޮ ޢަމަލާމެދު ބޮޑާވުމުގެ ބަދަލުގައި އެ ޢަމަލުގެ މަދުކަން އިޙްސާސްވުމެވެ. ހެޔޮ ޢަމަލު ކުރުމަށާއި ޞާލިޙުންނަށް ލޯބިޖެހުމެވެ. ފާފަތަކަށާއި ފާސިޤުންނަށް ނުރުހުންތެރިވުމެވެ. ފާފަ ފުއްސެވުން އެދި، ގިނަގިނައިން މާތް ﷲ ގެ ޙަޟްރަރުގައި ދުޢާ ދެންނެވުމާއި ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުރުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!