އިންޑިއާއިން ނޫސްތަކަށް ނުފޫޒު ފޯރުވާތީ ކަންބޮޑުވޭ: އިދިކޮޅު

އިންޑިއާގެ ނުފޫޒު ބައެއް ނޫސްތަކަށް ފޯރުވާކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން އިދިކޮޅުން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އިދިކޮޅުން މިހެން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިއަދު އާއްމު ކުރެއްވި ބަޔާނެއްގައެވެ.
އެ ބަޔާނުގައި އިދިކޮޅުން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އިންޑިއާގެ ނުފޫޒު ރާއްޖޭގެ ބައެއް ނޫސްތަކަށް ފޯރުވަމުން ދާތީ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބައެއް ނޫސްތަކަށާއި ވަކިވަކި ނޫސްވެރިން މެދުވެރިކޮށް އެފަރާތުން ބޭނުންވާ އެޖެންޑާއެއް ހިންގަމުންދިޔުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
"ހަމައެއާއެކު އިދިކޮޅުގެ އަޑު ގެނެސްދޭ މީޑިއާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރަމުންދާކަން ވެސް ހިތާމައާއެކު ފާހަގަކުރަން. އެގޮތުން ސަރުކާރުން އެފަރާތްތަކަށް މައުލޫމާތު ހާމަނުކުރުމާއި ސަރުކާރުގެ އިވެންޓުތަކުން ފުރުސަތު ނުދިނުން ފަދަ ދަތިތައް ކުރިމަތި ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި" އިދިކޮޅުގެ ބަޔާނުގައިވެއެވެ.