އެމްޑީޕީން ފެނުނީ ޑިމޮކްރަސީގެ ރީތި މިސާލެކޭ ބުނުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެއް: ޝިޔާމް
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރި ދެ ކެނޑިޑޭޓުންގެ ކިބައިން ފެނުނީ ޑިމްކޮރަސީގެ ރީތި މިސާލެކޭ ބުނުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް އިދިކޮޅު ޕީޕިއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމަށް އެ އިންތިޚާބުގައި ވާދަކުރެއްވި ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ތުހުމަތު ކުރަމުންދިޔަ ކަމަށެވެ.
ޝިޔާމް ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ފެނިގެން ދިޔައީ ހަޑިމުޑުދާރު މަންޒަރުތަކާއި ވާހަކަތައް ކަމަށެވެ. “މި ހުރިހާ ޖަރީމާއެއް ހިންގާ ބަހައްޓައިފައި ނިމުނީމަ މި ބުނަނީ ޑިމޮކްރަސީގެ ރީތި މިސާލެކޭ އެމްޑީޕީން ފެނިގެންދިޔައީ” ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރައްދުތައް ހުންނާނީ ސަރުކާރަށް. ސަރުކާރު ޒިންމާދާރުކުރުވުމަށް. ފަހަރުގައި އެމްޑީޕީގެ އަނެއް ފެކްޝަންގެ މީހުންނަށް ހީވެދާނެ ނޫނީ ރައީސް ނަޝީދުގެ ފެކްޝަންގެ މީހުންނަށް ހީވެދާނެ އަޅުގަނޑުމެން އެމީހުންނާ އެއްކޮށޭ ތިބީ. އެކަމަކު އަޅުގަނޑުމެންނަކީ ބަޔަކު ޒިންމާދާރުކުރުވަން ތިބޭ ބައެއް ކަމަށް ވަންޏާ އެކަމަށް މަސައްކަތް ކުރާނަން" ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ޕީޕީއެމް ތެރޭގައި ހުރިހައި ކަމެއް ވެސް ކުރާނީ ހަމަހަމަކޮށް ކަމަށާއި ވަކި ފެކްޝަނަކަށް ނުވަތަ ވަކި ހާއްސަ ކެނޑިޑޭޓަކަށް ތާއީދު ކުރުމުގެ ސިޔާސަތު ނުގެންގުޅޭނެ ކަަމަށެވެ.
"އެމްޑީޕީ ވާނީ އެމްޑީޕީއަށް. އެމްޑީޕީއަކީ ސަރުކާރު ހިންގާ ޕާޓީ. މި ހުރިހައި މުޑުދާރު ޖަރީމާއެއް ގައުމުގައި މިހިންގަނީ އެމްޑީޕީން. ދެ ފެކްޝަން އެއްވެގެން. އަޅުގަނޑުމެންގެ ނޯންނާނެ އެއްވެސް ފޭވަރިޓް ކެނޑިޑޭޓެއް. އެކަމަކަށް މަސައްކަތެއް ވެސް ނުކުރަން އެކަން ކުރާކަށް" ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެެވެ. އިންތިޚާބުގައި ފައްޔާޒާ ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.