ކޮވިޑް-19: ފައްސިވާ މީހުން އިތުރުވަމުން ދާތީ ދެ ރިސޯޓެއް ކަރަންޓީނު ފެސިލިޓީއަށް ނަގައިފި

ކޮވިޑް-19 ފެތުރެމުންދާ އަދަދު އިތުރުވަމުން ދިޔުމާއި ގުޅިގެން ދެ ރިސޯޓެއްގައި މީހުން ކަރަންޓީނު ކުރަން ނެގުމަށް ނިންމައިފިއެވެ.
އެގޮތުން މެދުފުށި ރިސޯޓާއި ފިލިތެޔޮ ރިސޯޓު ކަރަންޓީނު ފެސިލިޓީއެއްގައި ގޮތުގައި އަލުން ބޭނުންކުރަން ނިންމާފައިވާއިރު، ބަނޑޮސް އައިލެންޑާއި ފަން އައިލެންޑް އަދި އެރިޔަދޫގެ އިތުރުން ރޯޔަލް އައިލެންޑަކީ ވެސް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން އަންނަ ރިސޯޓުތަކެކެވެ.
ރާއްޖޭގައި ކޮވިޑް އެންމެ ފުރަތަމަ ފެތުރެމުން ދިޔައިރު މާލެ ސަރަޙައްދު ފުރަބބަންދު ކުރިއިރު، މިބަލި އައީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވެމުންނެވެ. އެހެންކަމުން އެއިރު ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ބައެއް ރިސޯޓުތައް ވެސް ވަނީ ދޫކޮށްލާފައެވެ. އޭގެ ފަހުން ގިނަ މީހުން ކަރަންޓީނު ކުރަމުން ދިޔައީ ހުޅުމާލޭގައި ހުންނަ ބައެއް ގެސްޓްހައުސް ތަކުގައާއި ހޯމް ކަރަންޓީނުގައެވެ.
ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި އިތުރު ރިސޯޓުތައް ހޯދަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ އަބބްދުﷲ އަމީން ވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.