ސިއްހީ ބޭނުމެއްގައި ނޫނީ މާލެ އަރާ ފޭބުން މަނާ ކޮށްފި
ސިއްހީ ބޭނުމެއްގައި ނޫނީ މާލެ އަރާ ފޭބުން މަނާ ކޮށްފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ ފަހަކަށް އައިސް ކޮވިޑަށް ފައްސިވާ ފަރާތްތަށް އަނެއްކާވެސް އިތުރު ވަމުންދާތީ، ތިމާއާއި އަނެކާގެ ވެސް ރައްކަލަށްޓަކައި ސިއްޙީ ބޭނުމެއްގައި ނޫނީ މާލެ އަރާފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުން މިބައްޔަށް ފައްސިވާ މީހުން އަންނަނީ އިތުރުވަމުންނެވެ. އަދި މީގެ ސަބަބުން އަތޮޅު ތެރެއަށް ވެސް މިބަލި ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
އެހެންކަމުން މިއީ މާލެ ތެރެއާއި އަތޮޅު ތެރޭގައި ވެސް މިބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އެޅޭ ފިޔަވަޅެއްކަން އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ. އަދި ޚާއްސަ ހުއްދައެއް ނެތި މާލެއަށް މީހުން އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަަޅުތަކަށް ދިން ލުއިތަކުގެ ތެރޭގައި މާލެއަށް އަންނަން ބޭނުންވާ މީހުންނަށް މާލެއަށް އައުމުގައި އެއްވެސް ހުއްދައެއް ބޭނުންނުވެއެވެ. ނަމަވެސް މާލެއިން ރަށްރަށަށް ދާމީހުން ދިއުމުގައި ނަގަންޖެހޭ ހުއްދަ ނަގައި ދާންބޭނުންވާ ރަށަކަށް ދިއުމަށްފަހު 14 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ.