"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން އުޅެނީ ދުނިޔެއަށް އެކަން ފޮރުވަން، ނުހުއްޓުވޭނެ: ރައީސް ޔާމީން
އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ޤާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގައި އިންޑިއާއިން ހިންގަމުންދާ ޖަރީމާތައް ދުނިޔޭގެ ސަމާލު ކަމަށް އައިސްފާނެތީ ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
"މަވެސް ޕީޕީއެމް"ގެ ދަށުން ރޭ އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާއިން ރާއްޖޭގައި ހިންގަމުން އަންނަ ޖަރީމާތައް ފޮރުވަން އިންޑިއާއިން މަސައްކަތް ކުރި ނަމަވެސް، އެކަން ބޭރު ދުނިޔެއަށް ހާމަކޮށްދެއްވާނެ ކަމަށެވެ. އަދި މި ސަރުކާރުން ޤާނޫނާ ޚިލާފަށް ޤަރާރެއް ނެރެގެން އުޅެނީ، މި ޖަރީމާތައް ބޭރު ދުނިޔެއަށް އަޑު އިވިދާނެތީ، އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ މި ފަހުން ޓްވިޓަރ ވެސް ބޭނުން ކުރައްވަން ފައްޓަވައިފައެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތުގެ ވާހަކަ ބޭރު ޤައުމުތަކަށް އަޑު އިއްވުން ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިއަދު ސަރުކާރު އޮތީ އިންޑިއާ ދަށުވެފައި ކަމަށާއި ނަމަވެސް ހުރިހައި ދިވެހިން އިންޑިއާ ދަށު ނުވާނެކަން އިންޑިއާއިން ވެސް ދަންނަންވާނެ ކަމަށެވެ.
"މިހައިވަރަކަށް ދެއްތޯ ބަޔަކު ދެން ދަށުވާނީ. އެއްވެސް ކަހަލަ އިއްޒަތެއް އަބުރެއް ޝަރަފެއް ދަންނަ ބައެއް ނޫން މިއީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ޕީޕީއެމްއަށް އަލަށް ވަނީ ސޮއިކޮށްފައެވެ.
"އިންޑިއާ އައުޓް" ކެމްޕެއިން ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދެ ފަހަރަށް ހައްޔަރު ކުރުމުން އެކަމަށް ވެސް ރައީސް ޔާމީން ރޭ ވަނީ ފާޑު ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ، އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ބަޔަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ނެރޭ އިންޓެލް ރިޕޯޓް އެކަކު ވެސް ޤަބޫލު ނުކުރާނެ ކަމަށާއި އެއީ ސިޔާސީ ރިޕޯޓެއް ކަަމަށް ވިދާޅުވިއެވެ.
"ފުލުހުންގެ އިދާރާއިން މިނެރޭ އިންޓެލިޖެންސް ރިޕޯޓަކީ ހެޔޮނުވާނެ މިއަދު ހަމަ އެކަކު ވެސް ގަބޫލެއް ނުކުރާނެ އެއީ އިންޓެލިޖެންސް ރިޕޯޓެއް ކަމަކަށް ގަބޫލެއް ނުކުރާނެ" ރައީސް ޔާމީން ވިދާޅުވީ އިންޓެލް ރިޕޯޓެއްގެ މައްޗަށް ސިޔާސީ ހައްޔަރީން ބަންދުކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
"މިހައި ވަރަށް ނޭވާހޮޅިއަށް އެޅިފައި އޮތް ސަރުކާރެއް މިހައި ވަރަށް އަނިޔާވެރިވީމަ އަޅުގަނޑުމެން ވިސްނާލަން ޖެހޭ، ފަނޑިޔާރުން ވިސްނާލަން ޖެހޭ. ކިހިނެތް ވެގެންތޯ މީހުން ހައްޔަރު ކުރަން މި އަމުރު ނެރެނީ."