ޚަބަރު

ޕީޕީއެމްގެ ޓިކެޓްގައި ވިލިނގިލީ ކައުންސިލް ރައީސަކަށް ހޮވުނު ވިޝާލް އެމްއާރުއެމްއަށް ވަގަށް ވައްދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކައުންސިލަރު ކަމަށް ވިޝާލް ހުވާ ކުރުމުގެ ތެރެއިން، އޭނާ ބުނަނީ އަބަދު ވެސް ހުންނާނީ ޕީޕީއެމްގައި ކަމަށް

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ޓިކެޓްގައި ވިލިނގިލީ ކައުންސިލް ރައީސަކަށް ހޮވުނު ވިޝާލް މުޙައްމަދު، އޭނާއަށް ނޭނގި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އަށް ވައްދައިފިއެވެ.

Ads by Sosun Fihaara

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން އިސްކޮށް ހުންނަވާ ހިންގަވާ މި ޕާޓީއަށް ވިޝާލް ވައްދައިފައި ވަނީ، އެ ޕާޓީގައި 3،000 މެންބަރުން ހަމަނުވެގެން އިލެކްޝަނުން އިންޒާރު ދީފައިވަނިކޮށެވެ.

ތިން ހާސް މެންބަރުން ހަމަނުވާ ޕާޓީތައް އުވާލުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ އެކު މެންބަރުން އިތުރު ކުރުމަށް އެމްއާރުއެމްއިންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

"ދެން"އާ ވާހަކަ ދައްކަވަމުން ވިޝާލް ވިދާޅުވީ، އޭނާ އެހެން ޕާޓީއަކަށް ވައްދައިފައި ވަނީ ވަގަށް ކަމަށެވެ. އަދި އެކަން އެނގިވަޑައިގަތީ މިއަދު ބެލުމުން ކަމަށް ވިދާޅުވިއެވެ.

"މި މައްސަލައަކީ އާދައިގެ މައްސަލައެއް ނޫން. ޕީޕީއެމްގެ ޓިކެޓްގައި ހޮވުނު ޕީޕީއެމް މެމްބަރެއް އަޅުގަނޑަކީ. މިހާރު ވެސް ރަށުގައި ޕީޕީއެމްގެ ކަންތައްތަކުގައި އިސްކޮށް މި އުޅެނީ. އެހެންވީމަ މިހެން ކަންކަން ވީމަ އާންމުން އަޅުގަނޑާ މެދު ސުވާލު އުފައްދާނެ" ވިޝާލް ވިދާޅުވީ، އޭނާއަށް ނޭނގި ޕާޓީއަށް ވެއްދި މައްސަލައިގައި ކޯޓަށް ދާން ވިސްނަމުންދާ ކަމަށެވެ.

މީހުންނަށް ނޭނގި ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ފަހަކަށް އައިސްވަނީ ވަރަށް ބޮޑުވެފައެވެ. މިކަން ހައްލު ކުރުމަށް، މެންބަރުން ޕާޓީއަށް ވައްދާ ފޯމް ޕްރޮސެސް ކުރުމުގެ ކުރިން ޕާޓީއަށް ވެއްދިކަން އާއްމުކޮށް ފެންނަ ގޮތަކަށް ޝާއިއު ކުރުމަށާއި އެސްއެމްއެސްގެ ޒަރިއްޔާއިން އެކަން އެނގޭނެ ގޮތެއް ހަދަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައިފައެވެ.

މީހުންނަށް ނޭނގި ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ޕީޕީއެމްގެ ފަރާތުން ހުށަހެޅި ނަމަވެސް މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

Ads by HDC
  1. ފުވއްމުލަކުމީހާ

    ތީނެއެގިވީކަމެއްނޫންތިމީހާދޮގުހަދަނީ