ސިޔާސީ

3000 ހަމަ ނުވާ ޕާޓީތަކުގެ ޝަކުވާ: މެންބަރުން މަދުވަނީ ވަގަށް ގެންދާތީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިޔާސީ ބައެއް ޕާޓީތަކަށް މި ފަހަކަށް އައިސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، 3،000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވައިލާން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފައިވާ ނިންމުމެވެ.

Ads by STELCO

އެގޮތުން މި މަހުގެ 14ގެ ކުރިން 3000 މެންބަރުން ހަމަ ކުރުމަށް ހަތަރު ސިޔާސީ ޕާޓީއަކަށް އީސީން ވަނީ އަންގައިފައެވެ. އެއީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް (އެމްއެލްއެސްޑީ) ޕާޓީއެވެ.

މި ޕާޓީތަކުގައި 3000 މެންބަރުން ހަމަނުވާ ކަމަށް މި އަހަރުގެ މާރޗް މަހު އީސީން އެންގުމާ ގުޅިގެން، އޭގެން ކޮންމެ ޕާޓީއަކުން ވެސް މިހާރު އެންމެ ގަދައަޅާ ކުރަމުން އަންނަ އެއް މަސައްކަތަކީ ޕާޓީ އުވުނަ ނުދިނުމަށް މެންބަރުން ހަމަކުރުމުގެ މަސައްކަތެވެ. އެގޮތުން ރެއާއި ދުވާލު އެތައް ފޯމެއް ފުރުމުގެ މަސައްކަތާއި، އެކި ފަރާތްތަކާއި ވާހަކަ ދައްކައިގެން ޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ހުރިތޯ ބެލުމުގެ މަސައްކަތް ވެސް އެ ޕާޓީތަކުން ވަނީ ފަށައިފައެވެ. މީގެ އިތުރުން ޕާޓީއަށް ވަންނަން ބޭނުންވާ ފަރާތްތަކުގެ ފޯމު ފުރިހަމަ ކުރުމަށް ފަހު، ކޮންމެ ހަފްތާއަކު އެތައް ސަތޭކަ ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަމުން ދިޔައެވެ.

"ދެން"ގެ ފަރާތުން މި ހަތަރު ޕާޓީގެ ތެރެއިން ތިން ޕާޓީއަކާ ވާހަކަ ދައްކައިލުމުން ވެސް ތިން ޕާޓިން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރި އެއް ކަމަކީ، މެންބަރުންނަށް ވަގަށް އެހެން ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ލީޑަރުކަމުގައި ހިންގަވާ ޑީއާރްޕީން ވެސް އެހެން ޕާޓީތަކަށް މެންބަރުން ވަގަށް ވައްދާފައިވާ ކަމަށް މެންބަރު ޖާބިރު ވަނީ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

ޑީއާރްޕީގެ އިތުރުން ކުރީގެ ރައީސް ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އުފައްދަވައިފައިވާ އެމްއާރްއެމްއިން ވެސް މެންބަރުން މަދުވެފައި ވަނީ، އެ ޕާޓީގެ މެންބަރުންނަށް ނޭނގި އެހެން ބައެއް ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުން ކަމަށް ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ލީޑަރަކަށް ހުންނަވައިގެން އުފައްދަވައިފައިވާ އެމްޓީޑީން ވެސް މެންބަރުން މަދުވި ސަބަބެއްގެ ގޮތުގައި ހަމަ ބުނެފައި ވަނީ، މެންބަރުންނަށް ނޭނގި އެހެން ސިޔާސީ ޕާޓީތަކަށް ވައްދައިފައިވުމެވެ.

މެންބަރުން ހަމަނުވެ ތިބި މި ތިން ޕާޓީން ވެސް މިވަގުތު އެންމެ ގަދަ އަޅާ ކުރަމުން އަންނަ މަސައްކަތަކީ ޖޫން 14ގެ ކުރިން މެންބަރުން ހަމަކުރުމެވެ.

މިކަމާ ގުޅޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެމްއާރްއެމްއިން 3000 މެންބަރުން ހަމަކުރި ފަހުން މިހާރު ތިން މަސް ދުވަސް ވާން ކައިރިވެފައިވާ ކަމަށާއި އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތައް އެ ކޮމިޝަނަށް އަދިވެސް ޕްރޮސެސް ނުކުރެވި ހުރުމުގެ ސަބަބުން، 3000 ހަމަވެއްޖެ ކަމަށް ރަސްމީ ގޮތުން ނުދައްކަނީ ކަމަށެވެ.

"ވަރަށް ގިނަ ފޯމު ވާނެ ހުށަހަޅައިފައި. ނަމަވެސް އީސީން އަދި އެ ފޯމުތައް ޕްރޮސެސް ނުކުރެވި ހުރީ. މާޗް މަހުގެ 27ވަނަ ދުވަހު، 3000 މެންބަރުން ހަމަވެފައިވާނެ ކަމަށް އަޅުގަނޑުމެންގެ ހިސާބުތަކުން ދެއްކި. ނަމަވެސް މިހާރު ވެސް އީސީ އަޅުގަނޑުމެންގެ 1297 ފޯމު ޕްރޮސެސް ނުކުރެވި އެބަހުރި. އެދެނީ އެކަން އަވަސްކޮށް ދެއްވުމަށް" އޮފިޝަލު ވިދާޅުވެފައިވެއެވެ.

މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ޑީއާރްޕީންް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން އެ ޕާޓީގެ ލީޑަރު ޖާބިރު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުއްދަތުގެ ކުރިން އެ ޕާޓީއަށް ވެސް 3000 މެންބަރުން ހަމަވާނެ ކަމަށެވެ.

"މެންބަރުން ހަމަކުރާނަން އަޅުގަނޑުމެން. މިހާރު ވެސް ވާނީ ވަރަށް ގިނަ ފޯމުތަކެއް ލައިފައި. ނަމަވެސް އީސީގެ އެޑްމިނިސްޓްރޭޝަން ހިންގުމުގައި އެބައުޅޭ މައްސަލައެއް. އަޅުގަނޑުމެންގެ މެންބަރުންނަށް ނޭނގި އެ މެންބަރުން ތިބީ އެހެން ޕާޓީތަކަށް ލައިފައި" ޖާބިރު ވިދާޅުވިއެވެ.

އެމްޓީޑީގެ ސެކްރަޓަރީ ޖެނެރަލް އަޙްމަދު އަޝްރަފް (ޝުމްބާ ގޮންގް) "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދީފައިވާ މުހުލަތުގެ ކުރިން މަދުވެގެން 1000 ފޯމު ހުށަހަޅާނެ ކަމަށެވެ.

"މިހާރު ވެސް އީސީން ކަނޑައަޅައިފައިވާ މިންވަރަށް މެންބަރުން ހަމަވެއްޖެ. ކަނޑައަޅައިފައިވާ މުހުލަތުގެ ކުރިން މަދުވެގެން 1000 ފޯމު އަދި ހުށަހަޅާނަން. އަންނަ ހަފްތާގައި އީސީއަށް ފޯމުތައް ހުށަހަޅާނަން" ޝުމްބާ ބުންޏެވެ.

އީސީއަށް ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ނުކުރެވި ލަސްވުމަކީ ވެސް ސިޔާސީ ޕާޓީތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުމެކެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ލަސްވުމާ ގުޅޭގޮތުން "ދެން"އިން ސުވާލު ކުރުމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް އިއްޔެ ވިދާޅުވީ، ފޯމު ޕްރޮސެސް ކުރުމުގެ މަސައްކަތުގައި މިވަގުތު ތިބީ މަދު މުވައްޒަފުންތަކެއް ކަމަށާއި ޕްރޮސެސް ކުރުމުގައި ލަސްވަނީ އެ ސަބަބާ ހެދި ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ މުވައްޒަފުން އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަމުން، ވަރަށް ބުރަކޮށް މި މަސައްކަތް ކުރަނީ ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން، ސިޔާސީ ޕާޓީތަކުން ހުށަހަޅައިފައިވާ ފޯމުތައް ޕްރޮސެސް ކުރެވޭތޯ. އިރާދަ ކުރެއްވިއްޔާ ޖޫން 14ގެ ކުރިން ،އެހެން ޑިޕާޓްމަންޓްތަކުން މުވައްޒަފުން ގެނެސްގެން ނަމަވެސް، ހުރިހާ ފޯމެއް ޕްރޮސެސް ކުރާނަން" ފުއާދު ވިދާޅުވެފައިވެއެވެ.

އީސީގެ ރައީސް އިތުރަށް ވިދާޅުވީ، ދީފައިވާ މުއްދަތަށް ފޯމުތައް ޕްރޮސެސް ކުރުމަކީ އެ ކޮމިޝަނުން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެހެންކަމުން އެކަން ވުމުގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއަކަށް، އެ ޕާޓީއެއް އުވިއްޖެކަމަށް ނުވަތަ ނުއުވޭކަމަށް ވެސް ނާންގާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!