ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

މާލެ ފުޓްސަލް ދަނޑުތަކުގެ ފީ ބޮޑުވެ، ދަނޑުތައް ސަރުކާރަށް ނެގުމުގެ ވިސްނުން

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މާލޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައި ހުރި ފުޓްސަލް ދަނޑުތަކުގެ ފީ ބޮޑުވެ ދަނޑުތަކުގައި ކުޅުމަށް ޒުވާނުންނަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭތީ، އެ ދަނޑުތައް ސަރުކާރަށް ނެގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު މަޙުލޫފު ހާޒިރުކޮށް ސުވާލުކުރުން ކުރިއަށް ގެންދިޔައިރު، ފުޓްސަލް ދަނޑުތަކުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސުވާލު ކުރެއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒުއެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ، މިނިސްޓަރު ވެސް ކުޅެން ދަނީ މަހަކު 6400ރ ދައްކައިގެން ހަފްތާއަކު ދެ ރޭ ކަމަށާއި ބައެއް ދަނޑުތަކުން މަހަކު 9000ރ ދައްކަން ވެސް ޖެހޭ ކަމަށާއި ކުޅެން ލިބޭ ފުރުސަތު ވެސް މަދު ކަމަށެވެ.

"އެ ކަމަށް އަޅުގަނޑުމެން ހައްލެއް ހޯދުމަށް، އެއް ކަމަކަށް މިހާރު ދަނޑުތައް ނެގުމުގެ ވަރަށް ބޮޑު ވިސްނުން އެބައޮތް. އަދި އެ ތަންތަނަކީ މީހުންނަށް އޮންލައިންކޮށް ބުކްކޮށްގެން މީހުންނަށް ދެވޭނެ ގޮތް ހެދުމަށް އެ ތަންތަން ހެދުމަށް ދަނީ މަޝްވަރާ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ހުރި ފުޓްސަލް ދަނޑުތަކުގެ ތެރެއިން ބައެއް ދަނޑުތަކަކީ އަމިއްލަ ދަނޑުތައް ކަމުގައި ވީ ނަމަވެސް، ސަރުކާރުން ތަރައްޤީކޮށްފައިވާ ދަނޑުތައް ވެސް ކުއްޔަށް ދީ، އެ ދަނޑުތަކުން ލިބޭ ފައިސާ އަމިއްލަ ބައެއް ފަރާތްތަކަށް ލިބޭތީ އެކަމުގެ ޝަކުވާ އަބަދުވެސް ޒުވާނުން ކުރެއެވެ. އެހެން ނަމަވެސް މިކަމަށް އަދި އެއްވެސް ހައްލެއް ގެނެވިފައެއް ނުވެއެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ، މި މައްސަލައަށް މިއަހަރުގެ ތެރޭގައި ހައްލެއް ގެނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!