ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ކެނޑިޑޭޓުކަން ގުޅިފައި އޮތީ ޖުމުޙޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް ނިންމާ ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު ،ފުރަތަމަ ފަހަރަށް ރިޔާސީ އިންތިހާބުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމާ ގުޅިގެން އެމް.ޑީ.ޕީގެ ރިޔާސީ ރޭހުގެ ފޯރި މިހާރު ވަނީ ކުރިއަށް ވުރެ ގަދަވެފައެވެ. އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެމް.ޑީ.ޕީން ވެރިކަން ދަމަހައްޓަން ބޭނުން ނަމަ އެ މަނިކުފާނަކީ 'ޗޮއިސް'އެއް ކަަމަށެވެ. އަދި ވެރިކަން ދެން ވެސް ލިބޭނީ ކޯލިޝަނެއްގެ ތެރެއިންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅާ އެކު އެމް.ޑީ.ޕީގެ ރިޔާސީ ޓިކެޓަށް ފައި ވިއްދަވައިގެން ހުންނެވި ރައީސް ނަޝީދު ވަނީ ވަގުތުން ރައީސްއަށް ރައްދު ދެއްވައިފައެވެ.
އޭގެ ފަހުން ރައީސް ކުއްލި ގޮތަކަށް ނުރަސްމީ ދަތުރުފުޅެއްގައި މާމިގިއްޔަށް ވަޑައިގަންނަވައި ކޯލިޝަންގެ އެންމެ މުހިއްމު ބައިވެރިޔާ ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމްއާ ބައްދަލު ކުރެއްވުމާ އެކު ނަޝީދު ވަނީ މިއަދު އެ ޕާޓީގެ ވަޓްސްއަޕް ގުރޫޕަށް ވަރުގަދަ މެސެޖެއް ފޮނުއްވައިފައެވެ.
"ރައީސުލްޖުމްހޫރިއްޔާ ކެނޑިޑެސީ އިއުލާންކުރެއްވުމާ އެކު ފުރާވަޑައިގަތުމަށް ޖެހިވަޑައިގަތީ މާމިގިއްޔަށް. އެހެން ނަމަވެސް ޖޭޕީ ގޮތެއް ނިންމެވި ތަނެއް ނުފެނޭ. މިހާރު ރައީސުލްޖުމްހޫރިއްޔާގެ ކެނޑިޑަސީގެ އުންމީދު އެއްގޮތަކަށް ވެސް ކުރިއަށް ދެވެން އޮތީ، ޖޭޕީން ނިންމާ ގޮތެއްގެ މައްޗަށް،" ނަޝީދު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމް.ޑީ.ޕީން 2023ގެ ކެނޑިޑޭޓެއް އަދި ނުނިންމާ ކަމަށާއި ރައީސް ނޫން އެހެން ބޭފުޅުން ވެސް ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވަން ވީ ކަމަށެވެ.
އެމް.ޑީ.ޕީގެ ތެރޭގައި ރިޔާސީ ރޭހުގެ ފޯރި ގަދަވެފައިވާ އިރު، އޯގަސްޓު މަހަށް އެމް.ޑީ.ޕީގެ ކޮންގްރެސް ވަނީ ތާވަލްކޮށްފައެވެ. ރައީސް ޞާލިހް ބޭނުންވެވަޑައިގަންނަވަނީ ކޮންގްރެސްގެ ތެރެއިން ރިޔާސީ ޓިކެޓް ކަށަވަރުކުރެއްވުން ކަމަށް ބެލެވެއެވެ.
ރައިސްނަސީދު ދުނިޔޭގަހުރިހާ ދުވަހަކު ވެރިކަން ކުރެވޭގޮތަށް ގާނޫނު ބަދަލްކުރަންވީނު އެމަނިކުފާނު ހާދަވެރި ކަންކުރާހިތްވެޔޭ