ޚަބަރު

އުދައިގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން އިދިކޮޅުން ގޮވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފިޔޮރީއަށް އުދަ އަރާފައި..ފޮޓޯ/ދުވަސް

ރާއްޖެއަށް އަރަމުންދާ އުދައިގެ ސަބަބުން ގިނަ ރަށްތަކެއްގައި ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެމް.އެން.ޑީ.އެފާއި އެން.ޑީ.އެމް.އޭގެ އަވަސް އެހީތެރިކަން އެރަށްތަކަށް ފޯރުކޮށްދޭން އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

Ads by STELCO

މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ހިސާބަށް ބަރަށް ބޮޑަށް އުދައަރައި ގިނަ ރަށްތަކެއްގައި ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމުގެ ޚަބަރު، ހާސްކަމާއި ކަންބޮޑުވުމާއި ބިރުވެރިކަމުގައި ތިބި ގިނަ ރައްޔިތުންތަކެއްގެ ފަރާތުން އެ ޕާޓީއަށް ލިބެމުންދާ ކަމަށެވެ.

އަދި މިކަމުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި އެމް.އެން.ޑީ.އެފާއި އެން.ޑީ.އެމް.އޭ މެދުވެރިކޮށް އެރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

އެ ޕާޓީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފިޔަވަޅުއެޅުން ލަސްނުކުރުމަށާއި، މިކަމުގައި ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން ހަނދާންކޮށްދޭ ކަމަށެވެ.

އަދި މިފަދަ ކަންކަމުގައި ވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ފިޔަވަޅު އެޅިފައިހުރީ ވަގުތު ފާއިތުވުމަށް ފަހުގައި ކަމަށައި، ސަރުކާރުގެ ހިންގުމުގައި ހުރި މިފަދަ އުނިކަންތައްތައް ޙައްލުކޮށް، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ވަގުތުން އެ ތަންތަނަށް ކަމާބެހޭ ފަރާތްތައް ފޮނުވައިގެން ޙާލަތު ބެލުމާއި އެކު، ރައްކާތެރިކަމުގެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

Ads by HDC
  1. ސަންފަ

    ޢަޅެ ފަހެ ކޮންމެ އަހަރަކުވެސް އެބަ އުދަ އަރާ
    ދާއިމީ ހައްލެއް ކުރެވޭގޮތް ހޯދޭތޯ ސަރުކާރުން ވެސް ބަލައި ދޭން ވެއްޖެ އެއްނު. ޥިއްސާރަ މޫސުމަށް ފެން ބޮޑުވެ ގެއްލުން ލިބޭ އިރުވައި މޫސުމަށް އުދަ އަރައިގެން ގެއްލުންވޭ