ލައިފްސްޓައިލް

އަނބިމީހާއާ ދިމާލަށް ނަމަނަމަ މިހެން ނުބުނާތި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ ފިރިހެނުން ދެކޭ ގޮތުގައި، އަނބިންނަކީ ގެންގުޅެން އުނދަގޫ ބައެކެވެ. ރުޅިގަދަ ބައެކެވެ. ކުރެވޭ ކުޑަ ކަމަކުން ވެސް ނުވަތަ ބުނެވޭ ބަހަކުން ވެސް ވަރަށް ފަސޭހައިން އަނބިން ރުޅި އަތުވެދާނެއެވެ. މިހެން ކަންތައްތައް ދިމާވުމުން ނުވަތަ އަނބިމީހާ ރުޅިއައުމުން، އެއީ ކީއްވެގެންކަން ވެސް ގިނަ ފިރިންނަށް ނޭނގެއެވެ. އެމީހުންގެ ސިކުނޑި ހުންނަނީ އެއްފަހަރުން ސުމަކަށް ގޮސްފައެވެ.

Ads by Hajj Corporation

ޙަގީގަތުގައި ވެސް ބައެއް އަންހެނުންނަކީ ކުދި ކުދި ކަންތަކާ ވެސް ރުޅިގަދަވާ ބައެކެވެ. އެމީހުންނާ ދިމާލަށް މީހަކު ބަލާލާ ގޮތަކުން ވެސް ރުޅި އަތުވެދާނެއެވެ. އަދި އެފަދަ ކަމަކާ ފިރިމީހާ އަޅާނުލައިފިނަމަ، އެރުޅި އިންތިހާއަށް އިތުރު ވެގެންދެއެވެ. ކައިވެންޏަށް ގިނަ ދުވަސްވެފައިވާނަމަ، އަނބިމީހާ ރުޅި އަންނަ ކުދިކުދި ކަންތައް ފިރިމީހާ އަށް އެނގޭނެއެވެ. ނަމަވެސް އަލަތު ކައިވެނި ކޮށްގެން އުޅޭ ފިރިންނަށް، އަނބިމީހާގެ ރުޅިގަނޑު ރަނގަޅަށް ވިސްނުން ވާނީ ފަރުބަދައެއް ކެނޑުމަށްވުރެ ވެސް އުނދަގޫ ކަމަކަށެވެ.

އަނބިންނާ ވާހަކަ ދައްކާއިރު ސަމާލުވެ ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. ތިރީގައިވާ ޖުމްލަތަކަކީ ނުވަތަ ބަސްތަކަކީ އަނބިންނާ ދިމާލަށް އެއްގޮތަކަށް ވެސް ބުނުން ރަނގަޅު ނޫން ޖުމްލަތަކެކެވެ.

• ‍"އެހާ މުސްކުޅިއެއް ނޫން"

ތިމާގެ އަނބިމީހާއާ ދިމާލަށް އޭނާ "އެހާ މުސްކުޅިއެއް ނޫން" ނުވަތަ "އެހާ މުސްކުޅި ފާޑެއް ނުޖަހައޭ" ބުނުމަކީ ވަރަށް ބޮޑު ގޯހެކެވެ. ބައެއް ފަހަރު ފިރިމީހާގެ ސިއްޙަތަށް ވެސް (މި ޖުމްލަ ބޭނުން ކުރުމުގެ ސަބަބުން) އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ބަސް ކޮޅެކެވެ. "މުސްކުޅި" މިބަހަކީ އަނބިމީހާ ކައިރީގައި ބޭނުން ކޮށްގެންވާނެ ވެސް ބަހެއް ނޫނެވެ. "އެހާ މުސްކުޅި ފާޑެއް ނުޖަހައޭ" ބުނުމުން އަނބިމީހާ އަށް ހީވާނީ ފިރިމީހާއަށް އޭނާ މުސްކުޅިފާޑު ޖަހައޭ ބުނާހެންނެވެ. އަދި އޭނާ ދެކެ ފޫހިވަނީއޭ ވެސް ހީކޮށް އެކަމާ ކަންބޮޑުވާނެއެވެ. ޝަކުވާތަކާއި އިތުރު ސުވާލުތައް ވެސް މިއެންމެ ކުޑަ ޖުމްލައެއްގެ ސަބަބުން ތިމާ ވަށާލަފާނެއެވެ.

• "އޭ، ކާއެއްޗެއް ހަދާބަލަ"

މިޖުމްލަ ބުނެގެން ކާއެއްޗެއް ލިބުނު ކަމުގައި ވިޔަސް، ގިނަ ފަހަރަށް ލިބެނީ އަނބިމީހާގެ ހިތުން ރުހުމުން ދީގެނެއް ނޫނެވެ. މިފަދައިން ބުނެފިނަމަ އޭނާއަަށް ހީވާނީ އަމުރު ކުރަނީ ހެންނެވެ. އެހެންކަމުން ކާންއެއްޗެއް ހެދިޔަސް އަނބިމީހާ އެކަން ކުރާނީ ހިތްހަމަ ޖެހިގެން ހުރެ އެއް ނޫނެވެ. ބައެއް އަނބިން މިކަމާ ރުޅި އައިސްގެން ޖަދަލުކޮށް ބަސްބުނި ކަމުގައި ވިޔަސް، މިފަދަ ކަންކަން ހިތުގައި ބަހައްޓައިގެން ރޮއެ ހިތާމަކުރާ އަނބިން ވެސް މަދެއް ނޫނެވެ.

"އަހަރެންގެ މަންމަ/ދައްތަ/ކޮއްކޮ ތިކަން ކުރާ ގޮތް ކިޔައިދެންތަ؟"

އެހީއެއް ވާން ވިޔަސް، ނުވަތަ އެއްޗެއް ދަސްކޮށްދިނުމުގެ ނިޔަތުގައި ވިޔަސް، އަނބިމީހާ އާއި ދިމާލަށް މިހެން ނުބުނާށެވެ. އަންހެނުންނަކީ އެކަކު އަނެކަކާ ވަރަށް ވާދަވެރި ބައެކެވެ. އެހެންކަމުން އަނބިމީހާ ކަމެއް ކުރާއިރު އެކަން ކުރާނީ އެހެނެއް ނޫނޭ ތިމަންނަގެ މަންމަ/ދައްތަ/ކޮއްކޮ ތިކަން ކުރަނީ މިހެންނޭ ބުނުމުން، އަނބިމީހާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭނެއެވެ. އޭނާއަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވެއޭ ވެސް ހިތަށް އަރާނެއެވެ. އަނބިން އަބަދުވެސް ބޭނުންވާނީ އެމީހުންގެ ފިރިންނަށް އެންމެ ފުރިހަމައަށް ކަންތައް ކޮށްދޭ މީހަކީ އެމީހުން ކަމުގައި ވާށެވެ. ކަންމިހެން ހުރުމާއެކު، އެހެން މީހަކު ކަންތައް ކުރަނީ މިހެންނޭ ބުނެފިނަމަ އަނބިމީހާ ވަރަށް ފަސޭހައިން ހިތްހަމަ ނުޖެހޭނެއެވެ.

"އަހަންނާ އެކީ ޖިމަށް ދާނަންތަ؟"

އަނބިމީހާގާތު މިހެން އެހުމަށްވުރެ، ދިމާލަށް "ތިހުރީ ވަރަށް ފަލަވެފައޭ ކުޑަކޮށް ކަސްރަތު ކޮށްލާށޭ" ބުނުންވެސް މާރަނގަޅުވާނެއެވެ. އެއީ ސީދާ އެހެން ނުބުނި ކަމުގައި ވިޔަސް، މިހެން ބުނުމުން އެބުނެވެނީ އެހެންނޭ އަނބިމީހާގެ ހިތަށް އަރާނެތީއެވެ. އަނބިމީހާއާ ދިމާލަށް 'މުސްކުޅިއޭ' ބުނުން ނުރައްކާތެރިވާ ގޮތަށް 'ފަލައޭ' ބުނުން ވެސް އެހާމެ ނުރައްކާތެރިއެވެ.

"އެހާ ސީރިއަސް ނުވެބަލަ!"

'ސީރިއަސް' މިބަހަކީ އަންހެނުންގެ ދެވަނަ ނަމޭ ވެސް މީހުން ބުނެ އުޅެއެވެ. ގިނަފަހަރަށް މަޖަލަކަށް ބުނެވޭ އެއްޗަކުން ވެސް އަނބިމީހާ ހިތްހަމަ ނުޖެހި ދާނެއެވެ. ހިތްހަމަ ނުޖެހިފައި އިންދާ އެހާ ސީރިއަސް ނުވެބަލާށޭ ބުނެފިނަމަ އަންހެނުންގެ ރުޅި އިތުރަށް ވާނީ ގަދައެވެ. ފިރިމީހާ އަށް އޭނާގެ އިޙުސާސްތައް ނޭނގެނީ އޭ ބުނެ ރުޅިގަދަ ވެގެން ބައެއް ފަހަރު ރޯން ވެސް ފަށާނެއެވެ.

"އެއީ ވަރަށް ސަޅި ކުއްޖެއް"

ތިމާގެ އަނބިމީހާގާތު، ވަކިން ޚާއްސަކޮށް އަނބިމީހާ ހުރި ތަނެއްގައި އެހެން މީހެއް ގާތު، އެހެން އަންހެން ކުއްޖެއްގެ(ރީތި ކަމުގެ) ވާހަކަ ދެއްކުމަކީ ތިމާގެ ސިއްޙަތަށް ވަރަށް ގެއްލުން ހުރި ކަމަކަށް ވާނެއެވެ. ކުރިން ވެސް ބުނި ފަދައިން ފިރިމީހާއަށް އަނބިމީހާ ނޫން އެހެން އަންހެނެއް ކަމުދިޔުމަކީ، އޭނާއަށް ކެތްކުރެވޭނެ ނުވަތަ ކެތްކުރަން ގިނަ ފަހަރަށް ބޭނުންވެސް ވާނެ ކަމެއް ނޫނެވެ. އާއްމުގޮތެއްގައި ގިނަ އަންހެނުންނަކީ ވަރަށް ދީލަތި، ގެންގުޅޭ އެއްޗެހި އެހެން މީހުންނާ ވެސް ހިއްސާކޮށްގެން ގެންގުޅޭ ބައެކެވެ. ނަމަވެސް ފިރިމީހާއާ ޖެހިއްޖެނަމަ އެކަމެއް ނުވާނެއެވެ. އޭރުން އެފެށުނީ ބޮޑު ހަނގުރާމައެކެވެ. ކަންމިހެން ހުރުމާއެކު، އެހެން އަންހެނެއްގެ ވާހަކަ ދައްކާ އެމީހަކަށް ތަޢުރީފު ކުރުމުން ދެން ކަންތައް ވާނޭ ގޮތް އަމިއްލައަށް ވިސްނާލާށެވެ.

  1. ްްއަހުމަދު

    މިލިއުމުގަ “ކަންމިހެން ހުރުމާ އެކު” މި ބަސްކޮޅު ގިނައިން ބޭނުން ކޮއްފަ ހުރިކަމަށް ފާހަގަކުރެވޭ.