ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މެދުކަނޑާލައިފި

މާލެ ސަރަހައްދުގައި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލަން އެންގުމާ ގުޅިގެން ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މެދުކަނޑާލައިފިއެވެ.
ތިން މަސް ދުވަހުގެ ލޮކްޑައުން އަށް ފަހު ހަތަރު ކުޅިވަރެއްގެ ޕްރެކްޓިސް ޖޫންމަހު ވަނީ ފަށާފައެވެ. އެއީ ފުޓްބޯޅަ، ކްރިކެޓް، ބެޑްމިންޓަން އަދި ސްވިމިން އެވެ. މިހާރު އެ ހަތަރު އެސޯސިއޭޝަނުން ވަނީ ކުޅުންތެރިންގެ ޕްރެކްޓިސް މެދުކަނޑާލިކަން އިއުލާން ކޮށްފައެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، އާއިޝަތު ސާމިޔާ ވިދާޅުވީ މި ދުވަސްވަރުގައި ކުޅިވަރު ހަރަކާތްތައް ބޭއްވުން އެންމެ ރަނގަޅު ނޫން ކަމަށާއި މުބާރާތްތަކާއި ޕްރެކްޓިސްތައް ވެސް މެދުކަނޑާލަން ޖެހޭ ކަމަށެވެ.
ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ޙުސައިން ޖަވާޒް ވިދާޅުވީ، އެޗްއީއޯސީން ނިންމި ނިންމުމާއި އެއްގޮތަށް ރެއިން ފެށިގެން ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުންތައް މެދުކަނޑާލަން ނިންމާފައިވާކަމަށެވެ. އަދި ޙާލަތަށް ބެލުމަށްފަހު ޔޫތް މިނިސްޓްރީއާއި އެޗްޕީއޭއާއި މަޝްވަރާކުރުމަށްފަހު އަލުން ޕްރެކްޓިސް ފަށާނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެކަމަށް ޖަވާޒް ވިދާޅުވިއެވެ.
އެއާއެކު މިހާރު ކުރިއަށްގެންދާ ފުޓުބޯޅަ، ކްރިކެޓް އަދި ބެޑްމިންޓަންގެ އިތުރުން ސްވިމިންގް ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ވަނީ ވަގުތީ ގޮތުން އަަނެއްކާވެސް މެދުކަނޑާލައިފައެވެ.