ދީން

ބުނާ ބަހަކުން ނަރަކައަށް ވަންނަން ޖެހިދާނެ: ޚުތުބާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުސްލިމެއްގެ ހަޔާތުގައި ނުބައި ބަސްތަކަށް އެއްވެސް ޖާގައެއް ލިބިގެން ނުވާކަމަށާއި، ބުނާ ބަހަކުން ނަރަކައަށް ތިމާ ހުށަހެޅިދާނެ ކަމަށް ޚުތުބާގައި ވިދާޅުވެއްޖެއެވެ.

Ads by MWSC

"ހެޔޮބަސް ބުނުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުޖުތަމައަށް އޭގެ ހެޔޮ އަސަރުކުރާލެއް ބޮޑުކަމުން ހެޔޮ ބަހަކީ ސަދަގާތެއް ކަމަށާއި ހެޔޮ ބަސް ބުނެ އުޅުމަކީ މާތް اللهގެ ހަޟްރަތަށް އޭނާގެ މެސެޖުތައް ގެންގޮސްދޭ ސަފީރެއް ކަމަށެވެ.

ހެޔޮބަސް ބުނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ޚުޠުބާގައި ވިދާޅުވީ، ހެޔޮ ބަހުގެ ސަބަބުން ސަފުތައް ސީދާވެ، މީސްތަކުން އެއްގަލަކަށް އަރާފައިވާކަމަށެވެ. ހެޔޮބަހެއް ބުނުމަކީ ބޮޑު ހޭދައަށް ކުރަން ޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ހެޔޮ ބަހެއް ބުނާ މީހާއަށާއި، އަޑު އަހާމީހާއަށް މަންފާއާ ލާބަ ލިބޭނެކަމެއްކަމަށެވެ.

ހެޔޮ ބަހަކީ މާތް ﷲ ހަނދުމަކުރުމާއި، ތަހްލީލާއި، ތަޙްމީދާއި، ތަސްބީޙަ ކިޔުންކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. ޚުތުބާގައި ވިދާޅުވީ، މުޢުމިނު ނަފްސެއްގެ ވެރިއަކަށް ވެވޭނީ މާތް ﷲ ގެ ޚަލްޤުތަކުންނާއެކު ރިވެތި ގޮތުގައި މުޢާމަލާތް ކުރާ މީހަކަށްކަމަށެވެ. އެގޮތުން އަޅުގަނޑުމެންގެ ދަރިން މިފަދަ ނަފްސުތަކެއްގެ ވެރިބަޔަކަށް ހެދޭނީ ޢާއިލީ ރަނގަޅު ތަރުބިއްޔަތާއި، ރިވެތި ނަމޫނާއާއި މަދަރުސީ ރަނގަޅު ތަރުބިއްޔަތާއި، ޞާލިހު ރަނގަޅު ވެށްޓެއް ހޯދައިދެވިގެންކަމަށެވެ.

ޚުތުބާގައި ވިދާޅުވީ، ނުބައި ބަސްތަކުގައި ހަރުދަނާކަމެއް ނުހުންނާނެކަމަށެވެ. އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެކަމަށާއި، އެފަދަ ބަސްތަކުގެ ސަބަބުން މީޙުންނަށް މަގު އޮޅޭނެކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް މީސްތަކުންގެ މެދުގައި ފަތުރައި ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ މާތް ﷲ ނަހީކުރައްވާފައިވާކަމެއްކަން ޚުތުބާގައި ހަނދުމަކޮށްދިނެވެ.

"ތިޔަބައިމީހުން ކަދުރެއްގެ ފަޅިވަރަކުން ވިޔަށް ނަރަކައިން ރައްކާތެރިވާށެވެ! ފަހެ އެކަމަށް ކުޅަދާނަ ނުވާމީހާ ހެޔޮބަހަކުން ވިޔަސް މެއެވެ." ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހިވަޞައްލަމަ ޙަދީޡް ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

  1. ހެތުބަސް ބުނާށޭ ހުތުބާގައި ނަސޭހަތްދީފަ، ގޯސްކަން ކަމަށް މަގުފަހި ކޮށްދީފަައި މިހުންނަނީ، ހޯމްސްޓޭ އާއި ގެސްޓް ހައުސް ވިޔަފާރީގެ ނަމުގައި ބިކިނީ ލައިގެން ދޮންމީހުން ރަށުތެރޭގައި ބީޗުގައި މިއުޅެނީ ހަމަ ރަގަޅަށްތޯ ؟