މި ވެރިކަން އައިފަހުން ވޭތުވެދިޔަ ދުވަސްތަކުގައި އިސްލާމްދީނަށް ގޮންޖެހުން ހުރި އެތައްކަމެއް ފެނިގެންދިޔައިރު ވެސް އިސްލާމްދީނުގެ ދިިފާޢުގައި ޢަދާލަތުން ޕާޓީން, ޕާޓީއެއްގެ ސިފައިގައި ކުރި އެއްވެސްކަމެއް ނެތްކަމަށް ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީ އުފެއްދީ އިސްލާމްދީނުގެ އަސްލާއި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި އެ ޕާޓީން ދެމި އޮންނާނީ ކަންކަން ނެގެހެއްޓުމުގައިކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ދާދިފަހުން ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
އެ ޓުވީޓު ކުރެއްވުމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ހަތަރު އަހަރު ނުވަތަ އެއަށްވުރެ ކުރިއަށް ބެލި ނަމަވެސް އެ ޕާޓީގެ ޢިލްމުވެރިން ދީނަށް ޚިދުމަތް ކުރެއްވި ވަރަށް ޚިދުމަތް ކުރެވުނު ޕާޓީއެއް އަދި ޖަމާޢަތެއް ވެސް މި ރާއްޖެއަކު ނެތް ކަމަށެވެ.
އިމްރާނުގެ ވާހަކަތަކަށް ރައްދު ދެއްވައި ސަންގު ޓީވީގެ ''ޚަަބަރަށްފަހު'' ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ މި ތިން އަހަރާ ބައިގެ ތެރޭގައި ދީނަށް ގޮންޖެހުން ހުރި އެތައްކަމެއް ފެނިގެން ހިނގައްޖެ ކަމަށެވެ.
ނަމަވެސް ޢަދާލަތުން ޕާޓީން, ޕާޓީއެއްގެ ސިފައިގައި އެ ކަންކަމަށް ދިން ރައްދެއް ނުވަތ ނަސޭހަތެއް ނުވަތަ އެކަށީގެންވާ ހުއްޖަތެއް ދެއްކި ތަނެއް ނުފެންނަ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދީން ހިމާޔަތް ކުރުމަކީ އެއީ ދީން ހިމާޔަތް ކުރާ ޕާޓީއެކޭ ބުނެފައި އަބަދު ޓުވީޓު ކުރުމެއް ނޫން ކަމަށެވެ.
މެމްބަރަކު މަޖިލީހަށް ނުވެއްދޭ.ހިޔާދޭނެ ގަހެއްނުޖެހޭ. މިސްކިތެއް އަޅައިނުދެވޭ. ހިލޭ ދީނީ ދަރުސެއްދޭކަށް ރާއްޖޭގެ ރަށަކަށްނުދެވޭ. ހެޔޮ ނަސީހަތަށްފަހި ފިލްމެއް އަދި ފޮތެއް ހަދާނުލެވޭ ދީނުގެ މަގެއް ލިޔެނުލެވޭ ބައެއް. ޖަމީލުދީދީ މާމޮޅު.