ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ބޭނުންވާ މީހުންނަށް މާލޭ ސިޓީ ކައުންސިލުން އެހީތެރިވަނީ

ގެދޮރުވެރިޔާ” އަދި “ބިންވެރިޔާ” ޕްރޮގްރާމުގެ ދަށުން ހުށަހަޅަންޖެހޭ ފޯމު ފުރުމުގައި މާލޭ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވެދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މޭޒުތައް ބެހެއްޓިފައި ހުންނާނީ އެ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގައި (ތައިސޭކޮށިގައި) އަދި އެ ކައުންސިލްގެ މާފަންނު އޮފީހުގައިކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އަންނަ މަހުގެ 01 އިން ފެށިގެން ސެޕްޓެމްބަރު 26 އަށް ފޯމުތައް ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމާއި ހަމައަށް އެ ދެ ތަނުގައި ފޯމު ފުުރުމަށާއި ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އެ ގޮތުން އެހީތެެރިކަން ފޯރުކޮށްދޭނީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން ފެށިގެން މެންދުރު 14:00 އާ ދެމެދު އަދި ރޭގަނޑު 20:00 ފެށިގެން 22:00 އާ ހަމައަށް ކަމަށެވެ.