އަޅުގަނޑަކީ ހެއްކަން ނުފޫޒު ފޯރުވަންޖެހޭ ހާލަތުގަ ހުރި މީހެއް ނޫން: ރައީސް ޔާމިން

އެ މަނިކުފާނަކީ ހެއްކަން ނުފޫޒު ފޯރުވަންޖެހޭ ހާލަތުގަ ހުރި މީހެއް ނޫންކަމަށް ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމިން ވިދާޅުވީ ވ.އާރަށު މައްސަލަ ހިނގާތާ އެތަކެއް ދުވަސްވެފައިވާ ކަމަށާއި އެ މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވާނަމަ އެކަން ކުރާނީ މިއަދަކު ނޫން ކަމަށެވެ.
''އާރަށު މައްސަލައިގަ ކީއްކުރަންތޯ މިއަދު ނުފޫޒު ފޯރުވަންވީ. އާރަށު މައްސަލަ ހިނގާތާ ލައްކަ ޒަމާންވެއްޖެ ދެއްތޯ. އަޅުގަނޑު ނުފޫޒު ފޯރުވާކަމަށްވަންޏާ އެ ބައެއްގެ އަތު އޭގެ ހެކި ހުންނަންވާނެ. ނުފޫޒު ފޯރުވާކަމަށްވަންޏާ އަޅުގަނޑަށް އެނގޭ އެ ކުރެވެނީ ޤާނޫނީ ކުށެއްކަން. އެހެންވީމަ އާރަށުގެ ޙުކުމުގެ އައުޓްކަމަށް މަޑުކުރުމުގެ ކުރިން ކީއްކުރަންތޯ. އެކަމާ ހެދި އެ ތުހުމަތު ބޮލުގަ އެޅިގެން އަނެއްކާ ވެސް އަޅުގަނޑުގެ މައްޗަށް ޙުކުމެއް އަންނަން އަޅުގަނޑު ބޭނުންވާނެތޯ.''
ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގައި ދައްކާ ހުރިހާ ވާހަކައަކީ އޭގެ ޒާތުގައި ޙަޤީޤީ ވާހަކައެއް ނޫން ކަމަށާއި ބައެއް ވާހަކަ ތަކަކީ ސިޔާސީ ބޭނުމުގައި ދައްކާ ވާހަކަ ކަމަށެވެ.