ޝިއާގެ ކަށުނަމާދު މިރޭ ޢިޝާ ނަމާދަށްފަހު ފުވައްމުލަކުގައި
ހެންވޭރު ޝީރީންވިލާގެ ނުވަވަނަ ފްލޯގައި ރަޙުމްކުޑަ ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ ޢިޝާ ނަމާދަށްފަހު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ޝިއާ (22 އ) ގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ ޢިޝާ ނަމާދަށްފަހު އޮންނާނީ ފުވައްމުލަކު ސިޓީގެ މަސްޖިދުލް އިނާރާ (ބޯޅަ މިސްކިތް) ގައެވެ.
އެނގިފައިވާ ގޮތުގައި ޝިއާގެ ޖަނާޒާ އޭނާގެ އުފަން ރަށް ފުވައްމުލަކުގައި ބާއްވަން ނިންމީ އޭނާގެ ޢާއިލާއިން އެދިގެންނެވެ.
މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށްފަހު ހަށިގަނޑު ރާއްޖެ ގެނައީ ރޭގައެވެ. މި ވަގުތު އޭނާގެ ހަށިގަނޑު ބާއްވައިފައި އޮތީ ގަލޮޅު މޯޗަރީގައެވެ.
ޝިއާ މަރައިލީ މިދިޔަ ހޮނިހިރު ދުވަހުގެރޭގައެވެ. ހެންވޭރު ޝީރީންވިލާގެ ނުވަވަނަ ފްލޯގައި ޝިއާ މަރާލައިފައި އޮއްވާ ފެނުނުއިރު ހަށިގަނޑުގެ ބައެއް ގުނަވަންތައް ވެސް ވަނީ ހަށިގަނޑާ ވަކިކޮށްލައިފައެވެ.
ޝިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23) އެވެ. އޭނާ ހައްޔަރުކުރީ
ޝީރީންވިލާގެ ނުވަވަނަ ފްލޯގައި ހުއްޓައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމުރުކުރީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށެވެ.