ޚަބަރު އިޖުތިމާޢީ

ޑިސްއެބިލިޓީ ކައުންސިލްގެ މެންބަރުކަމަށް ފާތުން އިންތިޚާބުވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް (ޑިސްއެބިލިޓީ ކައުންސިލް) ގެ މެންބަރުކަމަށް ކާނިމާގެ/ޅ.ހިންނަވަރު ފާޠިމަތު އިބްރާހިމް އިންތިޚާބުވެއްޖެއެވެ.

Ads by Sosun Fihaara

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް ފާޠިމަތު އިބްރާހިމް އިންތިޚާބުވީ 306 ވޯޓާއެކުއެވެ.

އިންތިޚާބުގެ ނަތީޖާ:

ޗަމަން/ށ.މަރޮށި, އިރުޝާދު ގާސިމް: 242
ފީރޯޒްގެ/ގއ.ވިލިނގިލި, އަޙްމަދު ނަޖީބް: 283
ކާނިމާގެ/ޅ.ހިންނަވަރު, ފާޠިމަތު އިބްރާހިމް: 306

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އިންތިޚާބުގެ ނަތީޖާގައިވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކަމަށް ޤާނޫނީ ހަމަތަކުގެ މަތިން އިންތިޚާބުވެފައިވަނީ ފާޠިމަތު އިބްރާހިމް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް މެންބަރުކަމަށް އިންތިޚާބުވި ފާތުންއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ރެޕްރެޒެންޓު ކުރުމުގައި އިންޓަނޭޝަނަލް ފޯރަމްތަކުގައި ބައިވެރިވެލައްވާފައިވާ ބޭފުޅެކެވެ. އޭގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރެޕްރެޒެންޓު ކުރުމުގައި ޔޫއެންޑީޕީގެ ބޯޑުގައި ވެސް މަސައްކަތް ކުރެއްވިއެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ނޯތު ރީޖަން މެންބަރެއްގެ ގޮތުގައި ހުންނެވި އަދި ބްލައިންޑް އެސޯސިއޭޝަންގެ ބޯޑުގެ މެންބަރު ފާތުން ވަނީ 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް ޅ. ބްރާންޗް ބޯޑުގައި ދިވެހި ރެޑް ކްރެސެންޓުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް ފަސް ދާއިރާއަކުން މެމްބަރުން އިންތިޚާބު ކުރާނެއެވެ. އޭގެ އިތުރުން ވެސް ދެ މެންބަރަކު އައްޔަންކުރާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރަކާއި, ޖެންޑާ މިނިސްޓްރީން އައްޔަންކުރާ މެންބަރެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!