އަޅުގަނޑު ދެކެނީ ބަރުލަމާނީ ގެންނަން ހުރިހާ ސިޔާސީ ލީޑަރުން މަސައްކަތް ކުރާނެކަމަށް: ނަޝީދު
ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ސިޔާސީ ލީޑަރުންގެ އެކަމުގަ މަސައްކަތް ކުރައްވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން ޢަބްދުލްޤައްޔޫމާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބަރުލަމާނީ ނިޒާމު ގެންނަން ނަޝީދު ކުރައްވާ މަސައްކަތުގައި އެއްބާރުލުން ދެއްވާނެކަމަށް ފެނޭތޯ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ވެސް އެ ބޭފުޅުންގެ ސިޔާސީ ހަޔާތުގައި އެ މަނިކުފާނާއެކު އެކިއެކި މަރުހަލާގައި މަސައްކަތްކުރައްވާފައި ތިއްބެވި ބޭފުޅުން ކަމަށެވެ.
އަދި ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމަކީ ޕާލަމެންޓްރީ ނިޒާމެއްކަމަށް ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
''ތި ވިދާޅުވި (ރައީސް ޔާމިނާއި, ރައީސް ޞާލިޙް) ދެ ބޭފުޅުންނަކީ ވެސް އެ ބޭފުޅުންގެ ސިޔާސީ ހަޔާތުގަ އަޅުގަނޑާއެކު ވެސް އެކިއެކި މަރުހަލާގަ މަސައްކަތްކުރައްވާފަ ތިއްބެވި ބޭފުޅުން. އަޅުގަނޑަށް އެ ބޭފުޅުންގެ ވިސްނުމާ ނަޒަރިއްޔާތާ އެނގޭ މިންވަރަށް އަދި މި ފަހުން ތި ވިދާޅުވިހެން ސިޔާސީ ބޭފުޅުން ފާހަގަކުރައްވަމުން އަންނަ ނުކުތާތަކަށް ބަލާފަ ވެސް އަޅުގަނޑަށް ދެންނެވޭނީ ހުރިހާ ބޭފުޅުންގެ ވެސް އެނގިވަޑައިގަންނަވާކަމަށް ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމަކީ ޕާލަމެންޓްރީ ނިޒާމެއްކަމަށް.''
''އަޅުގަނޑު ދެކެނީ ހުރިހާ ސިޔާސީ ލީޑަރުން ވެސް މިކަމުގަ މަސައްކަތް ކުރައްވާނެކަމަށް.'' ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލްގެ ތާއީދު ވަރަށް ބޭނުންވާކަމަށް ވެސް ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި, ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ޤަރާރެއް ވެސް ހުށަހަޅުއްވާފައެވެ.
އެކަން ފާހަގަކުރައްވައި ވިދާޅުވީ ކޮންގްރެސްއިން އެ ހުށަހެޅުން ފާސްވާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށާއި, ރައްޔިތުން ވެސް ބަރުލަމާނީ ގެންނަން ތާއީދުކުރާނެ ކަމަށެވެ.
ބަރުލަމާނީއެއްނޫން ތިއުޅެނީ ގެންނަން! ލިވާތުލާނީ ގެންނަން ތިއުޅެނީ ގަމާރު.
ބަރުލަމާނީ ނިޒާމަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ވަފާތެރި ކެހިވެރިން އިތުރަށް މާލިއްޔަތު ލޫޓުވަން ލިބޭނެ ފުރުސަތެއް! ބަރުލަމާނީގައި ހުރިހާ ބާރެއް މަޖިލިސްގައި މިއޮންނަނީ، ބަލަ ކޮބައިތޯ ތިބޭފުޅާ މީގެ އަހަރުތަކެއް ކުރިން ކިޔާ އުޅުނު ތިންބާރު ވަކިވެފައިވާ ނިޒާމް، ބަލަ ތިއުޅެނީ އޮޅުވާލާ މަކަރުހަދަން !