ޒަކަރިއްޔާ ރިޓަޔާކުރެއްވުމުން އެއް މިލިއަން, މިހާރު ވެސް މަހަކު ބައިލައްކަ ރުފިޔާ
އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޒަކަރިއްޔާ މަންޞޫރު ރިޓާޔާކުރެއްވުމުން އެއްފަހަރާ މިލިއަނަކަށްވުރެ ގިނަ ފައިސާ ދީފައިވާއިރު, މިހާރު ވެސް މަހަކު ބައިލައްކައަށްވުރެ ގިނަ ފައިސާ އޭނާއަށް ދެމުންދާކަން ހާމަވެއްޖެއެވެ.
ޒަކަރިއްޔާ މިހާރު ހުންނަވަނީ ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމުގައެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހޯދައި ޢާންމުކުރި މަޢުލޫމާތުތަކުގައިވާ ގޮތުން ރިޓަޔާކުރެއްވުމުގެ ކުރިން ޒަކަރިއްޔާގެ އަސާސީ މުސާރައަކ 27,240 ރ. އެވެ. ސާވިސް އެލަވަންސަށް 4,500 ރ. އަދި ސާވިސް އެލަވަންސް އިންކްރެމެންޓްގެ ގޮތުގައި 2,500 ރުފިޔާ ލިބިވަޑައިގަތެވެ. އޭގެ އިތުރުން ނޮން ޕްރޮޓެކްޓިވް އެލަވަންސަށް 10,896 ރ. އާއި ފަންނީ އެލަވަންސަށް 4,086 ރ. އާއި ލޯންގް ސާވިސް އެލަވަންސަށް 6,810 ރ. އާއި ފޯނު އެލަވަންސަށް 1,000 ރ. ލިބިވަޑައިގަތެވެ.
އޭނާ މަޤާމުން ރިޓަޔާކުރެއްވުމުން އެއްފަހަރާ ގަނޑުކޮށް 1,007,880 ރުފިޔާ ދީފައިވާއިރު ރިޓަޔާ ކުރެއްވުމާ ގުޅިގެން ދޭ އެލަވަންސްގެ ގޮތުގައި މިހާރު ވެސް މަހަކު 20,430 ރ. ލިބިވަޑައިގަންނަވައެވެ.
މިހާރު ހުންނަ މަޤާމުގެ މުސާރައަށް 18,000 ރ. ލިބިވަޑައިގަންނަވާއިރު ލިވިން އެލަވަންސަށް 12,500 އަދި ފޯނު އެލަވަންސަށް 800 ރ. ކޮންމެ މަހަކު ލިބިވަޑައިގަންނަވައެވެ.
އެހެންކަމުން މިހާރު އޭނާއަށް މަހެއްގެ މައްޗަށް ޖުމްލަ 51,730 ރ. ލިބިވަޑައިގަންނަވައެވެ.